ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ރަށްވެހިފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާން ބޭނުންވާ ނަމަ އޮންލައިންކޮށް ރީރަޖިސްޓާ ކުރުމަށް ހުޅުވާލި މުއްދަތު އަންނަ ބުދަ ދުވަހާ ހަމައަށް އިތުރުކޮށްފި އެވެ.
އޮންލައިންކޮށް ރީރަޖިސްޓާ ކުރަން ކުރިން ހުޅުވާލި މުއްދަތު މިރޭ 12:00 ޖަހާއިރުގެ ނިޔަލަށް ހަމަވެ އެވެ. މިއަދު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކުރި އިއުލާނެއްގައި ބުނީ މިހާރު އެ މުއްދަތު އޮގަސްޓް 2، ވާ ބުދަ ދުވަހުގެ ނިޔަލަށް އިތުރުކޮށްދީފައިވާ ކަމަށެވެ.
ރީރަޖިސްޓްރީ ކުރުމަށް ކޮމިޝަނުން ހުޅުވާލާނީ ޖުލައި މަހުގެ 16، ވަނަ ދުވަހެވެ. އޮންލައިންކޮށް ފުރަތަމަ ފަހަރަށް ރީރަޖިސްޓާކުރާ ގޮތަށް ހަމަޖެހި އެ ފުރުސަތު ބުދަ ދުވަހާ ހަމައަށް އޮތް ނަމަވެސް، ހާޒިރުވެ ފޯމު ހުށަހަޅައިގެން ރީރަޖިސްޓާވުމުގެ މުއްދަތު ހަމަވަނީ އަންނަ ހޮނިހިރު ދުވަހަށެވެ.
އެންމެ ފަހުން ބޭއްވި ކައުންސިލް އިންތިހާބުގައި މާލޭގައި ވޯޓުލާން ރަޖިސްޓްރީވި މީހުން ރިޔާސީ އިންތިހާބުގައި ވެސް އޮޓެމެޓިކުން އޮންނާނީ މާލޭގައި ވޯޓުލާ ގޮތަށް ރަޖިސްޓްރީކޮށްފަ އެވެ.
އެހެންކަމުން މި ފަހަރު މާލޭގައި ވޯޓުލާން ބޭނުންވާ އެހެން ރަށްރަށުގެ ރަށްވެހީން ރީރަޖިސްޓާކުރާކަށް ނުޖެހޭނެ އެވެ. ނަމަވެސް އޭރު މާލޭގައި ވޯޓުލާފައި މި ފަހަރު އެހެން ތަނެއްގައި ވޯޓުލާ ނަމަ ރީރަޖިސްޓާކުރަން ޖެހޭނެ އެވެ. އަދި، އޭރު އެހެން ތަނެއްގައި ވޯޓުލާފައި މި ފަހަރު މާލޭގައި ވޯޓުލާ ނަމަ ރީރަޖިސްޓާކުރަން ޖެހޭނެ އެވެ.

އިލެކްޝަންސް ކޮމިޝަނުން އެ ބަދަލު ގެނެސްފައިވަނީ ރަށްވެހިފައިވާ ރަށުގައި އޮޓެމެޓިކުން ރަޖިސްޓްރީ ގެންދިޔުމުން ރީރަޖިސްޓްރީގެ މަސައްކަތްތައް ބުރަވެގެންދާ ކަމަށް ބުނެ ސިޔާސީ ޕާޓީތަކުން ލުޔެއް ހޯދައިދިނުމަށް އެ ކޮމިޝަނުގައި އެދިފައި އޮއްވަ އެވެ.
މިދިޔަ ހޮނިހިރު ދުވަހާ ހަމައަށް 9،000 އެއްހާ މީހުން ރީޖިރަސްޓްރީވެފައިވެ އެވެ. މިއީ ކުރީ އިންތިހާބުތަކާ އަޅާ ބަލާއިރު ދަށް އަދަދެކެވެ.
މުޅި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި ރިސޯޓުތައް އަދި ސިނާއީ ރައްތައް ހިމަނައިގެން ޖުމްލަ 600 ވޯޓު ފޮށި މިއަހަރު ބެހެއްޓުމަށް ނިންމާފައި ވެއެވެ. މި ރިޔާސީ އިންތިހާބުގައި 280،000 އެއްހާ މީހުން ވޯޓުުމުގެ ހައްގު ލިބިފައިވާ ކަމަށް އީސީން ބުނެފައިވެ އެވެ.
މިހާތަނަށް ފަސް ސިޔާސީ ޕާޓީއަކުން ވަނީ ކެންޑިޑޭޓުން އިއުލާންކޮށްފަ އެވެ.
- އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
- ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު، ކުރީގެ ރައީސް އަބްދުﷲ ޔާމީން
- ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު، މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް
- ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު، މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް
- އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓު، މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް
އޭގެ ތެރެއިން އިދިކޮޅު އެންމެ ބޮޑު ޕާޓީ، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ޔާމީން ހުންނެވީ ޖަލު ހުކުމެއްގަ އެވެ. ޔާމީނަށް އިއްވާފައިވާ ހުކުމް ދެމިއޮތްހާ ހިނދަކު އިންތިހާބުގައި ވާދައެއް ނުކުރެވޭނެ އެވެ. ނަމަވެސް ޔާމީންގެ ކެންޑިޑެސީ ފޯމު ހުށަހެޅުމުގެ މަސައްކަތް ގެންދަނީ ކުރިއަށެވެ.
ޔާމީންގެ ކެންޑިޑެސީ ބަލައިނުގަންނާނެ ހާލަތަކަށް ތައްޔާރު ވުމަށް ޓަކައި، ޕީޕީއެމާ އެކު ކޯލިޝަން ހަދާފައިވާ އަދި ޔާމީންގެ އިރުޝާދާއެކު ދެން އުފައްދަވާފައިވާ ޕީއެންސީން ވަކިން ކެންޑިޑޭޓަކު ނެރެން މަޝްވަރާކޮށްފައިވެ އެވެ. ޕީޕީއެމް/ޕީއެންސީން ބުނަނީ އޭގައި ގޮތެއް ނިންމަވާނީ ޔާމީން ކަމަށެވެ.
ރިޔާސީ އިންތިހާބުގައި ފުރަތަމަ ބުރު އެއްވެސް ކެންޑިޑޭޓަކަށް 50 އިންސައްތައަށް ވުރެ ގިނަ ވޯޓު ނުލިބެއްޖެ ނަމަ އެންމެ ގިނަ ވޯޓު ލިބޭ ދެ ކެންޑިޑޭޓުންގެ މެދުގައި ދެވަނަ ބުރެއް ބާއްވަން ޖެހެ އެވެ. ދެވަނަ ބުރެއް ބާއްވަން ޖެހޭނަމަ، އޭގެ ތާރީހެއްގެ ގޮތުގައި ނިންމާފައިވަނީ ސެޕްޓެމްބަރު 30 އެވެ.












