ހުޅުމާލެއިން 70 ބަނގުރާފުޅިއާ އެކު ތިން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެތަކެތި އަތުލައިގެންފައި ވަނީ ލިބުނު އިންޓަލިޖެންސް ރިޕޯޓަކާ ގުޅިގެން ހިންގި އޮޕަރޭޝަންތަކެއްގައި ނިރޮޅުމަގުން ދުއްވާފައި ދިޔަ ޕިކަޕެއް ހުއްޓުވައި ބަލައި ފާސްކުރުމުގެ ތެރެގައި ކަމަށެވެ.
މި މައްސަލައާ ގުޅިގެން ބިދޭސީ ތިން ފިރިހެނުން ހައްޔަރުކޮށްފައިވެއެވެ. އެއީ 26 އަހަރުގެ މީހަކާއި 37 އަހަރުގެ މީހެއްގެ އަދި 41 އަހަރުގެ މީހެކެވެ. މި ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހާޒިރުކުރުމުން ހުޅުމާލޭ މެޖިސްޓްރޭޓު ކޯޓުން ހަތް ދުވަސް ޖަހާދީފައިވާކަމަށް ފުލުހުން ބުނެ އެވެ.
މިދިޔަ އަންގާރަ ދުވަހު ހިންގި އޮޕަރޭޝަނެއް ގައި ކޯޓު އަމުރެއްގެ ދަށުން ހުޅުމާލެ ފްލެޓެއް ބަލައިފާސްކޮށް މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 39 ރަބަރު ޕެކެޓު، ހަތް ސެލޯފިންކޮޅު، ފިލްމު ހުސްކުރި ދަޅެއް، ޖުސްޕެޓީ ކޮތަޅެއް އަދި މޯބައިލް ފޯނުތަކެއްގެ އިތުރުން ފައިސާ ފެނިފައިވާކަމަށް ފުލުހުން ބުނެ އެވެ.
އެ މައްސަލައާ ގުޅިގެން 18 އަހަރުން ދަށުގެ ކުއްޖަކާއި 23 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 18 އަހަރުން ދަށުގެ ކުއްޖާ ޖުވެނައިލް ކޯޓުން ޝަރުތުކުރުމަށްފަހު ވަނީ ދޫކޮށްލާފައިވާކަމަށް ފުލުހުން ބުނެ އެވެ. 23 އަހަރުގެ މީހާގެ ބަންދަށް ހަތް ދުވަސް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ދީފައިވެއެވެ.

މި ދެ މައްސަލަ ހުޅުމާލޭ ޕޮލިސް ސްޓޭޝަނުން އަންނަނީ ތަހުގީގުކުރަމުންނެވެ.
މަސްތުވާތަކެއްޗާއި، ގޭންގު މާރާމާރީ ފަދަ ކުށްތަކުގައި ކުޑަކުދިންގެ ބައިވެރިވުން އިތުރުވަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ. އަދި ރާއްޖޭގައި ދިރިއުޅޭ ބިދޭސީން ކުށްކުރާ މިންވަރުވެސް އަންނަނީ އިތުރުވަމުންނެވެ. މިފަދަ މައްސަލަތަކުގައި އަތުލައިގަންނަ ގިނަ ބިދޭސީންނަކީ ގަވައިދާ ހިލާފަށް އުޅޭ މީހުން ކަމަށް ވެއެވެ.












