މާދަމާ ފާހަގަކުރާ ރާއްޖޭގެ 58 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާން ސަރަހައްދުގައި މިނިވަން ދުވަހުގެ ރަސްމީ ހަފްލާ ބާއްވާތީ މިރެއިން ފަށައިގެން އެ ސަރަހައްދުގެ ވަށައިގެންވާ ބައެއް މަގުތައް ބަންދުވާނެ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު ކުރި ޓްވީޓެއްގައި ބުނީ، މިނިވަން ދުވަހާ ގުޅިގެން އިސްލާމީ މަރުކަޒު މައިދާނުގައި ބާއްވާ ރަސްމީ ހަފުލާއަށް މިރޭ 19:00 އިން ފެށިގެން ރަސްމިއްޔާތު ނިމެންދެން، އެ ޓްވީޓާއެކު އާންމު ކުރި ޗާޓުގައި ފާހަގަކޮށްފައިވާ ސަރަހައްދުތައް އާންމު ދަތުރުފަތުރަށް ބަންދުވާނެ ކަމަށެވެ.
އެ ޗާޓުގައިވާ ގޮތުން އޯކިޑް މަގުގެ ބަޔަކާއި ޗާންދަނީ މަގުގެ ޖުމްހޫރީ މައިދާނުން ފެށިގެން މިއުޒިއަމް ކައިރިއަށް ބަންދުވާނެ އެވެ. އަދި, އާޓް ގެލެރީ ކައިރިން އިސްލާމީ މަރުކަޒަށް ވަންނަ މަގުތައް ވެސް އުޅަނދުތަކަށް ބަންދުވާނެ އެވެ. އެހެންނަމަވެސް، ޗާޓުން ދައްކާ ގޮތުގައި ބޮޑުތަކުރުފާނު މަގު ބަންދެއް ނުކުރާނެ އެވެ.
މިނިވަން ދުވަހުގެ ހަރަކާތްތަކަށް ތައްޔާރުވަމުން އަންނަ އިރު، މިރޭ އިސްލާމީ މަރުކަޒުގެ މާބަލް ސަރަހައްދުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ރަސްމީ ބައްދަލުކޮށްލެއްވުމަށް ބާއްވަވާނެ އެވެ.
އޭގެ އިތުރުން، މާދަމާ ހެނދުނު ގައުމީ އިނާމު ދިނުމާއިއެކު ދިދަ ނެގުމުގެ ރަސްމިއްޔާތު އޮންނާނެ އެވެ. އަދި އެރޭ ގަލޮޅު ދަނޑުގައި ހެވިކަމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ސުކޫލު ކުދިން ހުށަހަޅައިދޭ ހަރަކާތްތައް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުން ބުރާސްފަތި ދުވަހުގެ ހަވީރު މިނިވަން ދުވަހުގެ ޕެރޭޑު އޮންނާނެ އެވެ. އަދި އެރޭ ފުޅަނދުބުރެއް ވެސް ކުރިއަށްދާނެ އެވެ. ފުޅަނދުބުރު އޮންނާނީ ސޯސަން މަގާއި މެދުޒިޔާރަތް މަގާއި މަޖީދީ މަގުގެ އިތުރުން ހުޅުމާލޭގައެވެ.
ޖުލައި 28، ވަނަ ދުވަހުގެ ހަވީރު ހުޅުމާލެ ސެންޓްރަލް ޕާކުގައި ފުޅަނދު ބުރުތައް ދައްކާލުން ވެސް ކުރިއަށް ދާނެ އެވެ. އެ ދުވަހުން ފެށިގެން އޯގަސްޓް 4، ގެ ނިޔަލަށް ގިނަ ހަރަކާތްތަކާއެކު ހުޅުމާލޭގައި ކާނިވަލެއް ވެސް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފަ އެވެ.












