އެއްތަނުން އަނެއް ތަނަށް ޕާރުސަލް އުފުލައިދޭ ކުރިއާ ސާވިސް މެދުވެރިކޮށް ރާއްޖެ އަށް އެތެރެކުރަން އުޅުނު ތިން މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފި އެވެ.
ކަސްޓަމްސްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ތަކެތި އަތުލައިގަތީ މި މަހުގެ ހަތްވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އިނގިރޭސިވިލާތުން ގެނައި މި ޕެކޭޖުގައި ހުރި މަސްތުވާތަކެތީގެ ޖުމްލަ ބަރުދަން 2.020 ކިލޯއަށް އަރަ އެވެ.
ކަސްޓަމްސްއިން ބުނި ގޮތުގައި އެ ޕެކޭޖުން މަސްތުވާތަކެތި ފެނުނީ ޝައްކުކުރެވޭ ޒާތުގެ އެއްޗެއް ބާވަތެއް ހުރުމުން އެތަކެތި އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި ކަމަށެވެ. އެގޮތުން ޕެކޭޖުގެ ތެރޭގައި އޮތް ދެ ޕެކެޓަކުން ފެނުނު ތަކެތި ތަހުލީލުކުރުމުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެފްޑްރޯން (Mephedrone) އަށް ޕޮޒިޓިވް ވެފައިވާ ކަމަށްވެސް ކަސްޓަމްސްގެ ބަޔާނުގައި ބުނެފައިވެ އެވެ.
"މި ތަކެތީގެ މަގުމަތީ އަގު 3.6 މިލިއަން ދިވެހި ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވޭ" ކަސްޓަމްސްގެ ބަޔާނުގައި ބުންޏެވެ.
މެފްޑްރޯން އަކީ ރާއްޖެއަށް އެތެރެކުރަނިކޮށް މިފަހުން އެންމެ ގިނައިން އަތުލާފައިވާ މަސްތުވާތަކެތީގެ އެއް ބާވަތެވެ.

މަސްތުވާތަކެތީގެ މައްސަލައެއްގައި ފުލުހުން ވަނީ މި ހަފުތާގެ ތެރޭގައި ބިދޭސީ ގުރޫޕެއްވެސް އަތުލައިގެންފަ އެވެ. އެ މައްސަލާގައި ހިމެނެނީ ބަންގްލަދޭޝްއަށް ނިސްބަތްވާ، ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ހަ ފިރިހެނުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 28 އަހަރުގެ ދެ ފިރިހެނުންނާއި، 29 އަހަރުގެ ފިރިހެނަކާއި، 31 އަހަރުގެ ފިރިހެނެއް އަދި 38 އަހަރުގެ ފިރިހެނަކާއި 41 އަހަރުގެ ފިރިހެނެކެވެ.












