މިނިވަން ދުވަހުގެ ހަރަކާތްތަކުގެ ރިހާސަލް ބޭއްވުމަށް މިރޭ 8:00 އިން ފެށިގެން 10:00 އާ ހަމައަށް ޖުމްހޫރީ މައިދާން ކައިރީ މަގުތައް ބަންކުރަން ނިންމައިފި އެވެ.
ފުލުހުން ދެންމެ ކުރި ޓުވީޓެއްގައި ބުނީ މިރޭ 8:00 އިން ފެށިގެން 10:00 އަށް މާލޭ ޖުމްހޫރީ މައިދާން ސަރަހައްދުގެ މަގުތައް ބަންދުވާނެ ކަމަށެވެ.
މީގެ ކުރިން ވެސް މިފަދަ ހާއްސަ ހާލަތްތަކުގައި މާލޭގެ އެކި މަގުތައް ބަންދުކޮށްފައި ވެއެވެ.
މިއަހަރުގެ މިނިވަން ދުވަހުގެ ހަރަކާތްތައް މިމަހުގެ 25 ވަނަ ދުވަހުން ފެށިގެން އޯގަސްޓް 4، ވަނަ ދުވަހުގެ ނިޔަލަށް މާލޭގެ އިތުރުން ރަށްރަށުގައި ވެސް ގިނަ ހަރަކާތްތަކެއް ކުރިއަށް ދާނެ އެވެ.
ޖުލައި 26، ވަނަ ދުވަހުގެ ހެނދުނު ޖުމްހޫރީ މައިދާނުގައި ގައުމީ އިނާމު ދިނުމާއިއެކު ދިދަ ނެގުމުގެ ރަސްމިއްޔާތު އޮންނާނެ އެވެ. އަދި އެރޭ ގަލޮޅު ދަނޑުގައި ހެވިކަމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ސުކޫލު ކުދިން ހުށަހަޅައިދޭ ހަރަކާތްތައް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުން ޖުލައި 27، ވަނަ ދުވަހުގެ ހަވީރު މިނިވަން ދުވަހުގެ ޕެރޭޑު އޮންނާނެ އެވެ. އަދި އެރޭ ފުޅަނދުބުރެއް ވެސް ކުރިއަށްދާނެ އެވެ.
ފުޅަނދުބުރު އޮންނާނީ ސޯސަން މަގާއި މެދުޒިޔާރަތް މަގާއި މަޖީދީ މަގުގެ އިތުރުން ހުޅުމާލޭގައެވެ. ޖުލައި 28، ވަނަ ދުވަހުގެ ހަވީރު ހުޅުމާލެ ސެންޓްރަލް ޕާކުގައި ފުޅަނދު ބުރުތައް ދައްކާލުން ވެސް ކުރިއަށް ދާނެ އެވެ.
ޖުލައި 28، ވަނަ ދުވަހުން ފެށިގެން އޯގަސްޓް 4، ގެ ނިޔަލަށް ގިނަ ހަރަކާތްތަކާއެކު ހުޅުމާލޭގައި ކާނިވަލެއް ވެސް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފަ އެވެ.












