ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބާ ގުޅޭ ޝަކުވާ ހުށަހެޅުމުގެ ނިޒާމު ގާއިމޮކޮށް، ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯ ހުޅުވައިފި އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ކުރި އިއުލާނެއްގައި ވާ ގޮތުން ކޮމްޕްލެއިންޓްސް ބިއުރޯ ގާއިމުރީ ދަރުބާރުގޭގައި ހުންނަ އެ ކޮމިޝަނުގެ އިންތިހާބާ ބެހޭ ގައުމީ އިދާރާގަ އެވެ.
އެކޮމިޝަނުން ބުނީ ޝަކުވާ ހުށަހެޅުމުގެ ފޯމު ލިބެންހުންނާނީ އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުންނާއި އިންތިޚާބާ ބެހޭ މަރުކަޒުންނާއި، އިލެކްޝަންސް ކޮމިޝަނުގެ އިދާރާގެ ކައުންޓަރުންނާއި ރަށްރަށުގެ ރަށު ކައުންސިލް އިދާރާ އަދި އަތޮޅު ތަކާއި ސިޓީ ތަކުގައި ހުރި އެ ކޮމިޝަނުގެ ފޯކަލް ޕޮއިންޓް ތަކުން ކަމަށެވެ.
ރާއްޖެއިން ބޭރުގައި ގާއިމްކުރެވިފައިވާ ފޯކަލް ޕޮއިންޓުތަކުންވެސް ޝަކުވާ ހުށަހަޅާ ފޯމު ލިބެން ހުންނާނެ ކަމަށް ވެސް އީސީން ބުންޏެވެ.
ކޮމްޕްލެއިންޓްސް ބިއުރޯގެ ތަފްސީލުތައް
ގުޅޭނެ ނަމްބަރު: 3004498 އަދި 3004450

އީމެއިލް އެޑްރެސް: complaints@elections.gov.mv
އީސީން ބުނި ގޮތުގައި މިއަދުން ފެށިގެން ޝަކުވާ ހުށަހަޅާ މަރުކަޒު ހުޅުވިފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހު 15:00 އަށެވެ. ހުކުރު ދުވަހު މެންދުރުފަހު 14:00 އިން ހަވީރު 17:00 އަށެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން އޮންނާނީ ސެޕްޓެމްބަރު މަހުގެ 9 އެއްގަ އެވެ. ދެ ވަނަ ބުރަކަށް ގޮސްފި ނަމަ އެ އިންތިހާބު ބާއްވާނެ ތާރީހެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ސެޕްޓެމްބަރު 30 އެވެ. މި ފަހަރުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދު 280،000 އަށް އަރަ އެވެ.
އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވައިލުމަށް ހަމަޖެހިފައިވަނީ ޖުލައި 23، އިން އޮގަސްޓު 3، ގެ ނިޔަލަށެވެ. އަދި, ރީ-ރަޖިސްޓާ ވުމުގެ ފުރުސަތު ހުޅުވާލާފައި އޮތީ އޮގަސްޓް 5 ގެ ނިޔަލަށެވެ. ރީ-ރަޖިސްޓްރީ ވާން ހުޅުވާލި ފުރަތަމަ ތިން ދުވަހު 1321 މީހުން ފޯމު ހުށަހެޅި އެވެ. އޭގެ ތެރެއިން 90 އިންސައްތަ މީހުން ރީ-ރަޖިސްޓްރީ ކުރީ އޮންލައިން ކޮށެވެ.
ރިޔާސީ އިންތިހާބުގައި މިފަހަރު ޖުމްލަ 604 ވޯޓުފޮށި ބަހައްޓަން އީސީން ވަނީ ނިންމައިފަ އެވެ. އޭގެތެރޭގައި ހިމެނެނީ، މާލެ ސަރަހައްދުގައި ބެހެއްޓޭ 187 ފޮއްޓާއި، އަތޮޅު ތެރޭގައި ބެހެއްޓޭ 319 ފޮށިީގެ އިތުރުން، ރިސޯޓުތަކުގައި 78 ފޮށި، ރާއްޖެއިން ބޭރުގައި 13 ފޮށި، އަދި ޖަލުތަކާއި ސިނާއި ރަށްރަށުގައި ހަތް ފޮއްޓެވެ.
ނަމަވެސް، އިތުރު 23 ރިސޯޓުގައި ވޯޓުފޮށި ބެހެއްޓުމުގެ ފުރުސަތު ދިނުމަށް އީސީން ނިންމާފައިވާއިރު މި އަދަދު ތަކަށް ބަދަލު އައުން އެކަށީގެންވެ އެވެ.












