ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރަން އެދޭ ކެންޑިޑޭޓުންނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ މިއަދު ގެޒެޓްކުރި އިއުލާނުގައިވާ ގޮތުން ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތަކީ ޖުލައި 23 ގެ ހެނދުނު 9:00 ން ފެށިގެން އޮގަސްޓު 7 ގެ މެންދުރުފަހު 2:00 އާ ހަމައަށެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން އޮންނާނީ ސެޕްޓެމްބަރު މަހުގެ 9 އެއްގަ އެވެ. ދެ ވަނަ ބުރަކަށް ގޮސްފި ނަމަ އެ އިންތިހާބު ބާއްވާނެ ތާރީހެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ސެޕްޓެމްބަރު 30 އެވެ. މި ފަހަރުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދު 280،000 އަށް އަރަ އެވެ.
އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލުމަށް ހަމަޖެހިފައިވަނީ ޖުލައި 23، އިން އޮގަސްޓު 3، ގެ ނިޔަލަށެވެ. އަދި, ރީ-ރަޖިސްޓާ ވުމުގެ ފުރުސަތު ހުޅުވާލާފައި އޮތީ އޮގަސްޓް 5 ގެ ނިޔަލަށެވެ. ރީ-ރަޖިސްޓްރީ ވާން ހުޅުވާލި ފުރަތަމަ ތިން ދުވަހު 1321 މީހުން ފޯމު ހުށަހެޅި އެވެ. އޭގެ ތެރެއިން 90 އިންސައްތަ މީހުން ރީ-ރަޖިސްޓްރީ ކުރީ އޮންލައިން ކޮށެވެ.
ރިޔާސީ އިންތިހާބުގައި މިފަހަރު ޖުމްލަ 604 ވޯޓުފޮށި ބެހެއްޓުމަށް އީސީއިން ވަނީ ނިންމާފަ އެވެ. އޭގެތެރޭގައި ހިމެނެނީ، މާލެ ސަރަހައްދުގައި ބެހެއްޓޭ 187 ފޮއްޓާއި، އަތޮޅު ތެރޭގައި ބެހެއްޓޭ 319 ފޮށިީގެ އިތުރުން، ރިސޯޓުތަކުގައި 78 ފޮށި، ރާއްޖެއިން ބޭރުގައި 13 ފޮށި، އަދި ޖަލުތަކާއި ސިނާއި ރަށްރަށުގައި ހަތް ފޮއްޓެވެ.

ނަމަވެސް، އިތުރު 23 ރިސޯޓުގައި ވޯޓުފޮށި ބެހެއްޓުމުގެ ފުރުސަތު ދިނުމަށް އީސީން ނިންމާފައިވާއިރު މި އަދަދު ތަކަށް ބަދަލު އައުން އެކަށީގެންވެ އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށް މިހާތަނަށް އިއުލާންކޮށްފައިވަނީ، އެމްޑީޕީއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ޕީޕީއެމް އިން ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން، ޖުމްހުރީ ޕާޓީން ލީޑަރު ގާސިމް އިބްރާހިމް، އެމްއެންޕީއިން ލީޑަރު މުހައްމަދު ނާޒިމްގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އެވެ.
އޭގެ އިތުރުން ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އުފެއްދެވި އާ ޕާޓީ، ދަ ޑިމޮކްރެޓްސްއިންވެސް ކުރިއަށް އޮތް ހަފުތާގައި ޕްރައިމަރީ ބާއްވާ ރިޔާސީ ކެންޑިޑޭޓެއް ނެރޭނެ އެވެ. އެ ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހަމަވާއިރު، މިހާތަނަށް ކުރިމަތިލާފައިވަނީ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ.













