އިހުތިޖާޖު ކުރުމުގެ ގޮތުން މިއަދު ހަވީރު ޖުމްހޫރީ މައިދާނަށް ވަދެ އިށީނދެ ތިބި ޕީޕީއެމް/ޕީއެންސީ އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެމްބަރަކު ހައްޔަރުކޮށް، އެކަން މަޖިލީހަށް އަންގައިފި އެވެ.
ހައްޔަރު ކުރީ ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް، މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު، މަޑުއްވަރީ ދާއިރާގެ މެންބަރު، އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފާއި މާވަށު ދާއިރާގެ މެންބަރު އަދި ކުރީގެ އިކޮނޮމިކް މިިނިސްޓަރު މުހައްމަދު ސައީދެވެ.
އެ ބޭފުޅުންގެ އިތުރުން ސިޓީ ތިން މީހަކު ހައްޔަރު ކުރި އެވެ. އޭގެ ތެރޭގައި ސިޓީ ކައުންސިލްގެ މެމްބަރުން ކަމުގައިވާ އިބްރާހިމް ސުޖާއު އަދި އަހުމަދު އައިފާން ހިމެނެ އެވެ.
އިދިކޮޅުން ޖުމްހޫރީ މައިދާނަށް ވަދެ އިށީނދެ ތިބީ އިދިކޮޅު ޕާޓީގެ ލީޑަރު އަބްދުﷲ ޔާމީން އިންސާފުވެރި ޝަރީއަތެއް ހޯދުމާއި، ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބަށް އެ މަނިކުފާނު ވާދަކުރަން ފުރުސަތު ހޯދަން ބޭރުއެޅުމަށެވެ.
ފުލުހުންގެ އިސް ވެރިޔަކު "އަދަދު" ނޫހަށް ވިދާޅުވީ މަޖިލީހުގެ މެމްބަރުން ހިމެނޭ ގޮތަށް ހަތް މީހަކު ހައްޔަރުކުރީ މަނާ ސަރަހައްދަކަށް އެއްވުމާއި، ފުލުހުންގެ އަމުރަށް އެ ސަރަހައްދު ދޫކޮށް ގޮސް ތިބުމުން ކަމަށެވެ.

"މަޖިލީހުގެ މެންބަރުން ހައްޔަރުކުރިކަން، މަޖިލީހުގެ ރައީސް [މުހައްމަދު ނަޝީދު] އަށް މިހާރު އަންގައިފިން،" އެ އޮފިސަރު ވިދާޅުވި އެވެ.
މަޖިލީހުގެ މެމްބަރުން ހައްޔަރު ކުރި ނަމަވެސް ބަންދުގެ މުއްދަތާމެދު ގޮތެއް ނިންމަށް ކޯޓަށް ގެންދިއުމާމެދު އަދި ގޮތެއް ނުނިންމަ އެވެ.
އިދިކޮޅު ލީޑަޝިޕްގެ އިސް ބައެއް ބޭފުޅުން ހައްޔަރުކުރިއިރު، މާލޭގައި ހިނގާލުމެއް ބޭއްވުމަށް ވަނީ ނިންމައިފަ އެވެ.
ޕީޕީއެމްގެ އިސް ބޭފުޅުން ހައްޔަރުކުރި މައްސަލަ ޕީޕީއެމްއިން ވަނީ ކުށްވެރިކޮށްފަ އެވެ.












