ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ރީ-ރެޖިސްޓާވާ މީހުންގެ ނަމާއި ވޯޓުލާ ތަނުގެ އާންމު ކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.
މިއީ ރީ-ރެޖިސްޓާކުރާ މީހުންގެ ލިސްޓު އާންމުކުރާ ފުރަތަމަ ފަހަރެވެ.
އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު "އަދަދު" ނޫހަށް ވިދާޅުވީ ރީ-ރަޖިސްޓާވާ މީހުންގެ ލިސްޓު އީސީގެ ވެބްސައިޓުގައި އާންމުކުރުމުގެ އިތުރުން ސިޔާސީ ޕާޓީތަކަށް ހިއްސާކުރާނެ ކަމަށެވެ.
"މިސާލަކަށް ހއ. ކެލަޔަށް ރަޖިސްޓްރީވާ މީހަކު ރަޖިސްޓްރީ ކުރިކަން އެ މީހަކަށް، ސިޔާސީ ޕާޓީތަކަށް އަދި އެންމެނަށްވެސް އިނގޭނެ. އަޅުގަނޑުމެން ބޭނުމެއް ނޫން އެއްވެސް ކަމެއް ފޮރުވާކަށް،" ހަބީބު ވިދާޅުވި އެވެ.
އީސީއިން މަސައްކަތް ކުރަމުންްދަނީ ވީހާވެސް ދެފުށް ފެންނަ ގޮތަށް އިންސާފުވެރިކަމާއެކު، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކަންކަން ކުރިއަށް ގެންދިއުމަށް އޭނާ ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބު 2023، އަދާހަމަ
މި އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން އޮންނާނީ ސެޕްޓެމްބަރު މަހުގެ 9 އެއްގަ އެވެ. ދެ ވަނަ ބުރަކަށް ގޮސްފި ނަމަ އެ އިންތިހާބު ބާއްވާނެ ތާރީހެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ސެޕްޓެމްބަރު 30 އެވެ.
އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދު 280،000 އަށް އަރަ އެވެ.
އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލުމަށް ހަމަޖެހިފައި ވަނީ ޖުލައި 23، އިން އޮގަސްޓު 3، ގެ ނިޔަލަށެވެ.
ރީ-ރަޖިސްޓާވުމުގެ ފުރުސަތު ހުޅުވާލާފައި އޮތީ އޮގަސްޓް 5 ގެ ނިޔަލަށެވެ.
ރިޔާސީ އިންތިހާބުގައި މިފަހަރު ޖުމްލަ 604 ވޯޓުފޮށި ބެހެއްޓުމަށް އީސީއިން ވަނީ ނިންމާފަ އެވެ. އޭގެތެރޭގައި ހިމެނެނީ، މާލެ ސަރަހައްދުގައި ބެހެއްޓޭ 187 ފޮއްޓާއި، އަތޮޅު ތެރޭގައި ބެހެއްޓޭ 319 ފޮށިީގެ އިތުރުން، ރިސޯޓުތަކުގައި 78 ފޮށި، ރާއްޖެއިން ބޭރުގައި 13 ފޮށި، އަދި ޖަލުތަކާއި ސިނާއި ރަށްރަށުގައި ހަތް ފޮއްޓެވެ. ނަމަވެސް، އިތުރު 23 ރިސޯޓުގައި ވޯޓުފޮށި ބެހެއްޓުމުގެ ފުރުސަތު ދިނުމަށް އީސީން ނިންމާފައިވާއިރު މި އަދަދު ތަކަށް ބަދަލު އައުން އެކަށީގެންވެ އެވެ.













