ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް ފުރުސަތު ހުޅުވާލިތާ ފުރަތަމަ ތިން ދުވަހު ޖުމްލަ 1321 މީހުން ފޯމު ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ބުނެފި އެވެ.
އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު "އަދަދު" ނޫހަށް ވިދާޅުވީ ރީ-ރެޖިސްޓްރީ ކުރަން ހުށަހެޅި ފޯމުތަކުގެ ތެރެއިން 1185 ފޯމު ހުށަހަޅާފައި ވަނީ އޮންލައިންކޮށް ކަމަށެވެ. އެއީ ފޯމުތަކުގެ 90 ޕަސެންޓެވެ. އޭގެ ތެރޭގައި ރާއްޖެއިން ބޭރުން ހުށަހަޅާފައިވަނީ އެންމެ ނުވަ ފޯމެވެ.
ރީ-ރެޖިސްޓްރީ ވުމުގެ ފުރުސަތު އީސީއިން ހުޅުވާލާފައިވަނީ އޮގަސްޓު 5, ގެ ހަވީރު 16:00 ގެ ނިޔަލަށެވެ.
ކުރީގެ އިންތިހާބުތަކުގައި މާލޭގައި ވޯޓުލާފައިވާނަމަ އަލުން ރަޖިސްޓްރީކުރަން ނުޖެހޭނެ އެވެ.
"އެހެންވީމަ އަޅުގަނޑުމެން އެދެން އޮޅުމެއް އަރާނަމަ 1414 އަށް މެސެޖުކޮށްގެން ވޯޓުލާން މިހާރު އޮތީ ކޮންތާކުތޯ ބަލަައިލުން. ބައެއް ފަރާތްތަކުން މާލެއަށް އަލުން ރަޖިސްޓްރީކުރަން އެބަ ހުށަހަޅާ. ހުށަހެޅިޔަސް ރިޖެކްޓްވާނެ. އެއީ ކުރީގެ އިންތިހާބުތަކުގައި މާލޭގައި ރަޖިސްޓްރީކޮށްފައި އޮތުމުން،" ހަބީބު ވިދާޅުވި އެވެ.

ރީ-ރެޖިސްޓާ ކުރުމަށް އެންމެ ބޮޑު ހުރަހަކަށް މިހާރު ވެފައިވަނީ ރާއްޖޭން ބޭރުގައި ތިބި ފަރާތްތަކަށް ބޭރު ނަންބަރަކަށް އޯޓީޕީ ލިބުމުގައި ދަތިތަކެއް ކުރިމަތިވެ އޮންލައިންކޮށް ފޯމު ހުށަހެޅުމެވެ. އެކަމާ ގުޅިގެން އީސީގެ ރައީސް ފުއާދު ކުރިން ވިދާޅުވެފައި ވަނީ ރާއްޖޭން ބޭރުގައި ތިބި ފަރާތްތަކަށް އޮންލައިންކޮށް ރީ-ރެޖިސްޓާ ކުރެވޭ ގޮތް މިފަހަރުގެ އިންތިހާބާ ދިމާކޮށް ހަމަ ނުޖެއްސުނު ކަމަށާއި އެކަމަށް މައާފަށް އެދޭ ކަމަށެވެ.
ރާއްޖޭން ބޭރުގައި ތިބި ފަރާތްތަކަށް ރާއްޖޭގެ ރާއްޖޭގައި ހުރި މީހެއްގެ ފޯނު ނަންބަރަކަށް އޯޓީޕީ ފޮނުވައިގެން ރަޖިސްޓަ ކުރެވިދާނެ އެވެ. ނުވަތަ ފޯމް ފުރިހަމަކޮށް ދިވެހި އެމްބަސީއަށް ހުށަހެޅިދާނެ އެވެ.
ރީ-ރެޖިސްޓްރީ ކުރުމުގައި ސަމާލުކަން ދޭންވީ ކަންކަން
މިހާރު ހުޅުވާލާ ފުރުސަތުގައި ރީ-ރެޖިސްޓާ ކުރުމަށް ފޯމު ހުށަހެޅުމުގައި، ހުށަހެޅޭ ފޯމުގެ ސައްހަކަން ކަށަވަރު ކުރުމަށް ސަމާލުކަން ދޭން ޖެހޭ ބައެއް ކަންކަންވެސް ހަބީބު ފާހަގަކުރެއްވި އެވެ.
އެގޮތުން ޓުއަރިސްޓު ރިސޯޓުތަކުގެ ރަޖިސްޓްރީ ކުރާ މީހުންނަކީ އެ ރިސޯޓެއްގެ މުވައްޒަފުންނަށް ވާންޖެހޭކަން ހަބީބު ފާހަގަކުރެއްވި އެވެ. އެކަން ކަށަވަރުކުރަން ހުށަހަޅާ އައިޑީކާޑު ކޮޕީގައި ރިސޯޓުގެ ސިއްކަ ޖެހުން ލާޒިމްކޮށްފައިވާކަން ހަބީބު ފާހަގަ ކުރެއްވި އެވެ.
މިފަހަރުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ 280،000 އަށް ވުރެ ގިނަ މީހުން ތިބިއިރު، ރާއްޖެ އާއި ރާއްޖޭން ބޭރުގައި 604 ވޯޓު ފޮށި ބަހައްޓަ އެވެ.













