ރިޔާސީ އިންތިހާބުގެ އޮބްޒާވަރުންނާއި މޮނިޓަރުންނަށް ވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން އެ ފުރުސަތު ހުޅުވާލާފައި ވަނީ މިއަދުން ފެށިގެން އަންނަ އޯގަސްޓު 13، ވަނަ ދުވަހުގެ ނިޔަލަށެވެ.
އޮބްޒާވަރުންނާއި މޮނިޓަރުންނަށްވުމުގެ ޝަރުތުތަކުގެ ތެރޭގައި, އުމުރުން 18 އަހަރު ފުރިފައިވާ ދިވެއްސަކަށްވުމާއި ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒުކުރަމުންދާ މީހެއް ކަމުގައި ނުވުން ހިމެނެ އެވެ.
އޮބްޒާވަރުންނާއި މޮނިޓަރުންގެ ގޮތުގައި ހުށަހަޅާ ފަރާތްތަކުގެ ހުންނަން ޖެހޭ އިތުރު ޝަރުތުތައް:
- ސިޔާސީ ޕާޓީއެއްގެ ރަޖިސްޓީއެއްގައި ހިމެނޭ މީހަކަށް ނުވުން
- އިންތިހާބާ ބެހޭ މަސައްކަތެއް ކުރުމަށް އީސީގެ ފަރާތުން ހަވާލުވެގެން ހުރި މީހަކަށް ވުން
- އީސީން ކަނޑައަޅާފައިވާ ސުލޫކީ މިންގަނޑު ކިޔައި, އަމަލުކުރަން އިގުރާރުވާ މީހަކަށް ވުން
- ވޭތުވެދިޔަ ފަސް އަހަރު ތެރެ, ސުލޫކީ މިންގަނޑާ ހިލާފުވެގެން ފިޔަވަޅެއް އަރައިފައިވާ މީހަކަށް ނުވުން
މޮނިޓަރުންނަށް ވެވެނީ މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކަށެވެ. އެގޮތުން ރާއްޖޭގައި މަސައްކަތްކުރާ ނޫސް އަދި މަޖައްލާތަކުގައި މަސައްކަތްކުރާ ފަރާތްތަކާއި ބައިނަލްއަގްވާމީ މީޑިއާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށެވެ.

އޮބްޒާވަރުންނާއި މޮނިޓަރުންނަށް ވުމަށް ޝައުގުވެރިވާ ފަރާތްތަކުން, އެކަމަށް އެދި ހުށަހަޅަންޖެހޭ ތަކެއްޗާއެކު އީސީއަށް ހުށަހެޅުމަށް މިހާރު ވަނީ ހުޅުވާލާފަ އެވެ.
ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބޭ އާބާދީއެއްގެ ގޮތުގައި އީސީއިން ލަފާކުރާ އަދަދަކީ ގާތްގަނޑަކަށް 285،000 މީހުންނެވެ. އަދި އެ މީހުން ވޯޓުލުމަށް ޖުމްލަ 604 ވޯޓުފޮށި ބަހައްޓަން އީސީން ވަނީ ނިންމާފަ އެވެ. އެ ހުރިހާ ފޮށިތައް ކައިރީގައި އޮފިޝަލުންނާއި, އޮބްޒާވަރުން އަދި މޮނިޓަރުން ވެސް ހަރަކާތްތެރިވާނެ އެވެ.
ދެ ވަނަ ބުރަކަށް ގޮސްފި ނަމަ އެ އިންތިހާބު ބާއްވާނެ ތާރީހެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ސެޕްޓެމްބަރު 30، އެވެ. އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލުމަށް ހަމަޖެހިފައިވަނީ މިމަހު 23، އިން އޮގަސްޓު 3، ގެ ނިޔަލަށެވެ. އަދި, ރީ-ރަޖިސްޓާ ވުމުގެ ފުރުސަތު ހުޅުވާލާފައި އޮތީ އޮގަސްޓް 5 ގެ ނިޔަލަށެވެ.












