ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރުޑީސީ)ގެ ސީއެފްއޯ ޔާސިރު ހަސަންއަށް ބޮޑެތި ތުހުމަތުތަކެއްކޮށް "މިހާރު" ނޫހުން ޝާއިއުކޮށްފައިވާ ލިއުމަކާއި ގުޅިގެން އެނޫހާ ދެކޮޅަށް ދައުވާކުރަން އޭނާ ނިންމައިފި އެވެ.
ޔާސިރު ނެރުނު ބަޔާނެއްގައި ވިދާޅުވީ، މިހާރު ނޫހުގައި ޝައިއުކޮށްފައިވާ ލިއުމަކީ ހަގީގަތާ ހިލާފު ލިއުމެއް ކަމަށެވެ. އަދި އެއީ ކުންފުނީގެ މުވައްޒަފުންނާއި ކްލައިންޓުންގެ ކުރިމަތީގައި ޔާސިރު އާއި އާރުޑީސީގެ އަގު ވައްޓާލުމަށް ޝާއިއުކޮށްފައިވާ ލިއުމެއް ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވި އެވެ.
"މުވައްޒަފުންގެ އެކައުންޓަށް ޖަމާވެފައި ހުންނާނީ ޕެޓީކޭޝް: ޔާސިރު"ގެ ސުރުހީގެ ދަށުން މިހާރު ނޫހުގައި ޝާއިއުކޮށްފައިވާ ލިއުމުގައި ޔާސިރުއަށް ސީރިއަސް ތުހުމަތުތަކެއްކޮށްފަ ވެ އެވެ. އެގޮތުން ޕެޓީކޭޝްގެ ނަންދީ ބައެއް މުވައްޒަފުންގެ އެކައުންޓުތަކަށް ޖަމާކޮށްފައިވާ ބޮޑެތި އަދަދުތަކަކުން ފައިސާ ބައެއް ކަމަށް ބުނެފައި ވެއެވެ.
ބަޔާނުގައި ޔާސިރު ވިދާޅުވީ އެފަދަ ހިޔާނާތުގެ އަމަލެއް ހިނގާފައި ނުވާކަން އާރްޑީސީގެ އޮޑިޓް ރިޕޯޓުން ވެސް ފެންނާނެ ކަމަށެވެ. އަމިއްލައަށް އެފަދަ މުއާމަލާތްތަކެއް ހިންގުމުގެ ބާރެއް އޭނާއަށް ނޯންނަކަމަށާއި، ފައިސާއާ ގުޅުންހުރި މުއާމަލާތްތައް ހިންގަނީ ކުންފުނީގައި އެކަމަށް ހާއްސަކޮށް ތިބޭ މުވައްޒަފުން ކަމަށް ވެސް ޔާސިރު ވިދާޅުވި އެެވެ.
އޭނާ ވިދާޅުވީ އެ މައްސަލަ ކަމާ ގުޅުން ހުރި އިދާރާތަކަށް ހުށަހަޅާނެ ކަމަށެވެ. އެކަމުގައި ގާނޫނީ ފިޔަވަޅުތައް ވެސް އަޅުއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އާރުޑީސީ އިން ވަނީ އޮންލައިން ނޫސް "ދިޔަރެސް"އާ ދެކޮޅަށް ވެސް ދައުވާކުރަން ނިންމާފަ އެވެ.












