އަންނަ ސެޕްޓެމްބަރު މަހު ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް އިތުރު 23 ރިސޯޓުގައި ވޯޓުފޮށި ބެހެއްޓުމުގެ ފުރުސަތު ދިނުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.
މި އަހަރުގެ އިންތިހާބުގައި ބަހައްޓަން އިލެކްޝަން ކޮމިޝަނުން ނިންމާފައި ވަނީ 604 ވޯޓު ފޮއްޓެވެ. އެގޮތުން, ރިސޯޓުތަކުގައި ބަހައްޓަން ނިންމީ 78 ފޮއްޓެވެ. ނަމަވެސް, އިލެކްޝަން ކޮމިޝަނުން ނިންމީ ރީ-ރަޖިސްޓާވާ އަދަދަށް ބިނާކޮށް, މިހާތަނަށް ފޮށި ބަހައްޓަން ބޭނުންވެގެން އެދިފައި ނުވާ 23 ރިސޯޓެއްގައި ފޮށި ބެހެއްޓުމުގެ ފުރުސަތު ދިނުމަށެވެ.
އިތުރު 23 ރިސޯޓުގައި ވޯޓުފޮށި ބެހެއްޓުމުގެ ފުރުސަތު ދޭން އިއްޔެ ނިންމުމަށްފަހު, އިލެކްޝަން ކޮމިޝަނުން ވަނީ އެކަން ޓޫރިޒަމް މިނިސްޓްރީއަށް ވެސް އަންގާފަ އެވެ.
އެ ކޮމިޝަނުން ބުނި ގޮތުގައި އިތުރު ވޯޓުފޮށި ބެހެއްޓޭނީ, އެ ކޮމިޝަނުން ކަނޑައަޅާފައިވާ ސީލިންއާ އެއްގޮތަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ 30 މީހުން ރީ-ރަޖިސްޓްރޭޝަން ފޯމު މިމަހު 31 ވަނަ ދުވަހުގެ ނިޔަލަށް ހުށަހެޅުމުންނެވެ.
މިއަހަރުގެ އިންތިހާބުގައި 2018 ގެ ރިޔާސީ އިންތިހާބާ ބަލާއިރު 132 ފޮށި އިތުރަށް ބަހައްޓާނެ އެވެ. ނަމަވެސް, ރީ-ރެޖިސްޓްރޭޝަން އަށްފަހު މި އަދަދު އިތުރުވުމުގެ ފުރުސަތު ބޮޑު ކަމަށްވެސް އެ ކޮމިޝަނުން ބުންޏެވެ.

ސެޕްޓެމްބަރުގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބޭ އާބާދީއެއްގެ ގޮތުގައި އީސީއިން ލަފާކުރާ އަދަދަކީ ގާތްގަނޑަކަށް 280،000 މީހުންނެވެ. އެއީ 2018 އާ އަޅާކިޔާއިރު 21،000 އެއްހާ މީހުންގެ އިތުރުވުމެކެވެ.
ދެ ވަނަ ބުރަކަށް ގޮސްފި ނަމަ އެ އިންތިހާބު ބާއްވާނެ ތާރީހެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ސެޕްޓެމްބަރު 30، އެވެ. އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލުމަށް ހަމަޖެހިފައިވަނީ މިމަހު 23، އިން އޮގަސްޓު 3، ގެ ނިޔަލަށެވެ. އަދި, ރީ-ރަޖިސްޓާ ވުމުގެ ފުރުސަތު ހުޅުވާލާފައި އޮތީ އޮގަސްޓް 5 ގެ ނިޔަލަށެވެ.












