ބޮލަކަށް 3500 ރުފިޔާގެ މަގުން 7657 މީހަކަށް މުދަލު ޒަކާތް ބަހައިފި އެވެ.
ޒަކާތުގެ ކަންކަން ހަމަޖައްސާ އިސްލާމިކް މިނިސްޓްރީން ބުނީ, ބޮލަކަށް 3500 ރުފިޔާގެ ރޭޓުން މުދަލު ޒަކާތް, ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނޭ މީހުންގެ އެކައުންޓުތަކަށް ޖަމާކޮށްފައިވާ ކަމަށެވެ. އަދި އެ ފައިސާ ޖަމާކުރީ އިއްޔެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.
މުދަލު ޒަކާތް ބަހާފައި ވަނީ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. އެގޮތުން, މިއަހަރުގެ ފަގީރުންގެ ލިސްޓުގައި ހިމެނުނީ 7657 މީހުންނެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ, މުދަލު ޒަކާތުގެ ގޮތުގައި ބަހާފައި ވަނީ އެ މިނިސްޓްރީއަށް މުދަލު ޒަކާތުގެ ގޮތުގައި ލިބުނު 26.7 މިލިއަން ރުފިޔާ ކަމަށެވެ.
މުދަލު ޒަކާތުގެ ނިސާބު ކަނޑައަޅަނީ މާކެޓުގައި ރަނާއި ރިހި ގަނެވިއްކާ އަގުތަކަށް ބަލައިގެނެވެ. އެ އަގުތައް ހިސާބު ކުރަނީ މޯލްޑިވްސް މަނެޓަރީ އޮތޯރިޓީންނެވެ. އެގޮތުން މިއަހަރުގެ މުދަލު ޒަކާތުގެ ނިސާބަކީ ދިވެހި ފައިސާއިން ދައްކާ ނަމަ 7312.55 ރުފިޔާ އެވެ.














