އަންނަ އަހަރު ހޮވާ 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ހަ ގޮނޑިއެއް އިތުރުކޮށް ގާނޫނުގެ ދަށުން އިންތިހާބީ ދާއިރާތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްފި އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނައިބު ރައީސް އިސްމާއިލް ހަބީބު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއަދު ބޭއްވި އެ ކޮމިޝަނުގެ ޖަލްސާގައި 2024 ގައި ހޮވާ މަޖިލީހަށް ހަ ގޮނޑިއެއް އިތުރުކުރުމަށް ނިންމާފައިވާ ކަމަށެވެ. އެއާއެކު މަޖިލީހުގެ ޖުމްލަ ގޮނޑީގެ އަދަދު 93 އަށް އަރާނެ އެވެ.
"ގާނޫނު ނަންބަރު 2009/1 (ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ގާނޫނު) ގެ 8 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާގޮތުގެ މަތީން، 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދާއިރާތަކަށް ގެނެވޭ ބަދަލު މިއަދު ބޭއްވި ކޮމިޝަނުގެ 794 ވަނަ ޖަލްސާ އިން ފާސްކޮށްފި" ހަބީބު ލިޔުއްވާފައިވެ އެވެ.
މިއަދު ފާސްކުރި ގޮތުން އިތުރު ކުރެވޭ ގޮނޑިތައް:
މާލޭ ސިޓީ އަށް 2 ގޮނޑި
އައްޑޫ ސިޓީ އަށް 1 ގޮނޑި

މާޅޮސްމަޑުލު ދެކުނުބުރި (ބ. އަތޮޅު) އަށް 1 ގޮނޑި
މާލެއަތޮޅަށް 1 ގޮނޑި
އަދި ހުވަދުއަތޮޅު އުތުރުބުރި (ގއ. އަތޮޅު) އަށް 1 ގޮނޑި
ހުރިހާ އިދާރީ ދާއިރާއެއްގެ ރަޖިސްޓަރީ ކުރެވިފައިވާ ޖުމްލަ އާބާދީގެ އަދަދުތަކުގެ ތަފްސީލް އީސީއިން ހާމަކުރާނެ ކަމަށްވެސް ހަބީބު ވިދާޅުވެފައިވެ އެވެ.
އެންމެ ފަހުން 2019 ގައި ހޮވި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކުރިންވެސް، 18 ވަނަ މަޖިލީހުގައި ތިބި ޖުމްލަ 85 މެންބަރުންގެ އަދަދަށް ދެ ގޮނޑި އިތުރުކުރި އެވެ.












