ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާއި ގުޅޭ ގޮތުން ދިޔަރެސް ނޫހުން ދޮގު ހަބަރު ފަތުރަމުން ގެންދާ ކަމަށް ތުހުމަތުކޮށް އެ ނޫހާއި ދެކޮޅަށް ދައުވާކުރަން އާރްޑީސީން ނިންމައިފި އެވެ.
އާރްޑީސީން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ ސައްހަކަން ކަށަވަރުކުރުމެއް ނެތި ދިޔަރެސް ނޫހުން ފަތުރަމުން ގެންދާ ހަގީގަތާއި ހިލާފު ވާހަކަތަކުގެ ސަބަބުން އެ ކޯޕަރޭޝަނުގެ ނަން ހުތުރުވަމުންދާކަމަށެވެ. އާރްޑީސީއާއި މެދު ރައްޔިތުންގެ މެދުގައި އިތުބާރު ގެއްލި އެ ކުންފުންޏަށް ގެއްލުންތަކެއް ލިބެމުންދާ ކަމަށް ވެސް އެކުންފުނިން ބުންޏެވެ.
އާރްޑީސީން ބުނި ގޮތުގައި އެކަން ހުއްޓުވުމަށްޓަކައި އެ ކޯޕަރޭޝަނުގެ ފަރާތުން އެ މައްސަލަ ސިވިލް ކޯޓަށާއި މޯލްޑިވްސް މީޑިއާ ކައުންސިލަށް ހުށަހަޅަން އެ ކުންފުނީގެ ބޯޑުން ވަނީ ނިންމައިފަ އެވެ.
އާރްޑީސީގެ ބީއެމްއެލް އެކައުންޓުން 13 މިލިއަނަށްވުރެ ގިނަ ރުފިޔާ އެ ކުންފުނީގެ އެމްޑީ މޫސާ އަލި މަނިކާއި ސީއެފްއޯ ޔާސިރު ހަސަންގެ އަމިއްލަ ބޭނުމަށް ނަގާފައިވާ ކަމަށް ބުނެ ބައެއް މީެޑިއާތަކުގައި ދެކެވެމުންދިޔަ ވާހަކަތައް އާރްޑީސީން ދޮގުކުރި އެވެ. އަދި އެކުންފުންޏާއި ބެހޭ އެފަދަ އެއްވެސް މައްސަލައެއް ބަލަމުން އަންނަކަން އިނގިފައިނުވާ ކަމަށް ވެސް އާރްޑީސީއިން ވަނީ ބުނެފަ އެވެ.
ނަމަވެސް، "އާރްޑީސީއާ ގުޅުންހުރި މައްސަލައެއް" ބަލަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި ތަހުގީގަށްފަހު ފުލުހުންގެ ތަރުޖަމާނު ޗީފް ސްޕްރިޑެންޓް އޮފް ޕޮލިސް ޔޫނުސް ސޮބާހު "އަދަދު" އަށް ވިދާޅުވީ، މިހާތަނަށް ފުލުހުން ބެލިބެލުމުން ފައިސާ ޖަމާކޮށްފައި ވަނީ އެ ކުންފުނީގެ މެނޭޖަރެއްގެ އެކައުންޓަށް ކަމަށެވެ.

އެއަށް ފަހު، އެ އެކައުންޓުން އެހެން އެކައުންޓުތަކަށް ފައިސާ ފޮނުވާފައިވާކަން ފާހަގަވެފައި ހުރުމުން މިހާރު ތަހުގީގުކުރަމުން ދަނީ އެއީ ކޮން ބޭނުމަކު ކޮށްފައި ހުރި މުއާމަލާތްތަކެއްތޯ ކަށަވަރުކުރުމުގެ މަސައްކަތް ކަމަށް ވެސް ވިދާޅުވި އެވެ.
ތަހުގީގު ކުރަމުންދާ މައްސަލައަކަށް ވާތީ އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.












