ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ގުޅޭ ގޮތުން ފުލުހުން ކުރަމުންދާ ތަހުގީގުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކާއި ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ޔާސިރު ހަސަންގެ ބޭންކު އެކައުންޓަށް ކުންފުނީގެ ފައިސާއެއް ޖަމާވެފައިވާކަން ތަހުގީގަށް ފާހަގަވެފައި ނެތް ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ ތަރުޖަމާނު ޗީފް ސްޕްރިޑެންޓް އޮފް ޕޮލިސް ޔޫނުސް ސޮބާހު މިއަދު "އަދަދު" ނޫހަށް ވިދާޅުވީ މިހާތަނަށް ފުލުހުން ބެލިބެލުމުން ފައިސާ ޖަމާކޮށްފައި ވަނީ އެ ކުންފުނީގެ މެނޭޖަރެއްގެ އެކައުންޓަށް ކަމަށާއި، އެއަށް ފަހު، އެ އެކައުންޓުން އެހެން އެކައުންޓުތަކަށް ފައިސާ ފޮނުވާފައިވާކަން ފާހަގަވެފައި ހުރުމުން މިހާރު ތަހުގީގުކުރަމުން ދަނީ އެއީ ކޮން ބޭނުމަކު ކޮށްފައި ހުރި މުއާމަލާތްތަކެއްތޯ ކަށަވަރުކުރުމުގެ މަސައްކަތް ކަމަށެވެ.
"މިހާރު ބަލަމުންދާ މައްސަލައިގައި އަދި ވަކި މީހެއްގެ މައްޗަށް ތުހުމަތެއް ނުކުރެވޭ،" ޔޫނުސް ވިދާޅުވި އެވެ.
ތަހުގީގު ކުރަމުންދާ މައްސަލައަކަށް ވާތީ އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
އެ ކުންފުނީގެ ބީއެމްއެލް އެކައުންޓުން 13 މިލިއަނަށްވުރެ ގިނަ ރުފިޔާ އެމްޑީ އަދި ސީއެފްއޯގެ އަމިއްލަ ބޭނުމަށް ނަގާފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ދައުރުވަމުންދާ ވާހަކައަކީ ހަގީގަތާ ހިލާފު، ދޮގު ވާހަކައެއް ކަމަށް އާރުޑީސީން ބުނެފައިވެ އެވެ.

އާރުޑީސީން ބަޔާނެއް ނެރުނީ އެ ކުންފުންޏާ ގުޅުން ހުރި މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން ބުނެފައި ވަނިކޮށެވެ.
މައްސަލައިގެ އެއްވެސް ތަފުސީލެއް ފުލުހުން އޭރު ނުދެ އެވެ.
އާރްޑީސީން ބުނެފައިވަނީ އެ ކުންފުނީގެ ފައިސާއާ ގުޅޭ އެއްވެސް މައްސަލައެއް ތަހުގީގު ކުރާކަމުގެ މައުލޫމާތެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ފުލުހުންގެ ފަރާތުން ވެސް އަންގާފައި ނުވާ ކަމަށެވެ.
އާރްޑީސީއަކީ ގަވައިދުން އޮޑިޓްކުރާ ކުންފުންޏެއް ކަމަށާއި، ކުންފުނީގެ މާލީ ސިޔާސަތުތަކާ ހިލާފަށް ފައިސާގެ އެއްވެސް މުއާމަލާތެއް ކޮށްފައި ނުވާނެ ކަމަށާއި އެފަދަ މައްސަލައެއް ވެސް ފާހަގަކުރެވިފައިނުވާ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.












