ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ދޫކޮށްލަން ގޮވާލައި މިރޭ ބޭއްވި މުޒާހަރާގެ އަށް ބައިވެރިޔަކު ހައްޔަރުކޮށްފި އެވެ.
ހައްޔަރުކުރި މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ވެސް ހިމެނެ އެވެ.
ޕީޕީއެމްގެ އޮފިޝަލަކު ވިދާޅުވީ ހައްޔަރުކުރި މީހުންގެ ތެރެއިން ހާއްސަ އެހީއަށް ބޭނުންވާ ފަރާތެއް ދޫކޮށްލި ނަމަވެސް ހަތް މީހުން އަދިވެސް ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ. އެ ފަރާތްތައް މިރޭ ދޫކޮށްލުން ނުވަތަ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމާމެދު އަދި ގޮތެއް ނުނިންމާ ކަމަށް ފުލުހުން ބުނެފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މިރޭގެ މުޒާހަރާގައި އިދިކޮޅުން ބޭނުންކުރި ސައުންޑް ސިސްޓަމްގެ ވާތައް ވެސް ފުލުހަކު ނައްޓާލާ މަންޒަރު، ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއަކުން ފެނެވެ.
މުޒާހަރާގެ ބައިވެރިން ހައްޔަރުކުރުމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.














