ހުޅުމާލޭ ފަޅުގައި އޮތް ދޯންޏަކުން ފެނުނު 130 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހުންގެ ތެރެއިން އެކަމުގައި އިސްކޮށް ހުރި ކަމަށް ފުލުހުން ތުހުމަތު ކުރާ ޝަހީބު އިބްރާހިމް ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.
ގއ. ވިލިނގިލި, ލައިޓް ހައުސް, ޝަހީބު އިބްރާހީމް ބަންދުން ދޫކޮށްލާފައިވަނީ ޝަރުތުތަކެއް ކުރުމަށް ފަހު އެވެ. އެއީ ކޯޓަށް ހާޒިރުވާން އެންގުމުން ހާޒިރުވުމަށާއި، ރަށުން ބޭރަށް ދާން ޖެހޭ ހާލަތެއްގައި ކޯޓުގެ ހުއްދަ ހޯދައިގެން މެނުވީ ނުދިޔުމަށެވެ.
ޝަހީބު ބަންދުން ދޫކޮށްލުމަށް ކޯޓުން ނިންމީ މިއަދު ބޭއްވި ބަންދު މުރާޖައާގެ އަޑުއެހުމަށެވެ. އޭނާ ދޫކޮށްލުމަށް ނިންމީ ޝަރީއަތުގައި މިހާރު ކުރިއަށްދާ ހެކިބަސް ނެގުމުގެ މަރުހަލާގެ ވެސް ބޮޑު ބައި ނިމިފައި އޮތުމުން، ލުޔެއް ދިނުމަށް އޭނާގެ ފަރާތުން ހުށަހެޅުމުންނެވެ.
ޝަހީބަކީ ހަމަ އެ އަހަރު ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރާ ކަމަށް ތުހުމަތު ކުރެވިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގަތް އިރާންގެ ބޯޓުގެ މައްސަލައާ ވެސް ގުޅުން އޮތް މީހެކެވެ. އިރާން ބޯޓުން ހައްޔަރު ކުރި ހަތް މީހުން ދޫކޮށްލިއިރު ޖާމިނުވީ ޝަހީބެވެ.
މި މައްސަލާގައި ޝަހީބުގެ އިތުރުން ފަސް މީހެއްގެ މައްޗަށް ދައުވާކޮށްފައިވެ އެވެ. އެ މީހުނަށް ކުރާ ދައުވާތަކަކީ، ޖަދުވަލު އެކެއްގައިވާ މަސްތުވާ އެއްޗެއް ރާއްޖެ އެތެރެކުރުމުގެ ދައުވާ އާއި ޖަދުވަލު އެކެއްގައިވާ މަސްތުވާ އެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާގެ އިތުރުން ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އެވެ.

ދައުވާކޮށްފައިވާ މީހުން
- ގއ. ވިލިނގިލި، ލައިޓްހައުސް، ޝަހީބު އިބްރާހީމް
- ހއ. ހޯރަފުށި، ވައިލެޓްވިލާ، އަހުމަދު މޫސާ
- ގއ. ވިލިނގިލި، ދުންފިނިގެ، އަސީލް މާހިރު
- ޅ. ހިންނަވަރު، ސެލް، އަނަސް ހުސައިން
- ބަންގްލަދޭޝްގެ އިގުބާލް
- ބަންގްލަދޭޝްގެ މުހައްމަދު ރިޔާދު












