ދުނިޔޭގެ އެކި ކަންކޮޅުގައި ހިޔާލު ފާޅުކުރުމުގެ ނަމުގައި ހިންގާ މުސްހަފު އެންދުމުގެ ހަރަކާތްތަކާ ގުޅޭގޮތުން އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގައި ބޭއްވި ކުއްލި ބަހުސްގައި ރާއްޖެއިން ބައިވެރިވެ، އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.
އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަނުން (އޯއައިސީ) މިހާރު ހިނގަމުންދާ އ.ދ ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ 53 ވަނަ ބައްދަލުވުމަށް ހުށަހެޅި ގަރާރާ ގުޅިގެން އެ ޖަލްސާގައި ބޭއްވި ކުއްލި ބަހުސްގެ ތެރެއިން ސްވިޑެންގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުގައި ކީރިތި ގުރުއާނުގެ މުސްހަފު އެންދުމުގެ ހަރަކާތްތަކާ ހިންގާތީ އެކަން ވަނީ ކުށްވެރިކޮށްފަ އެވެ.
އެ ބަހުސްގައި ރާއްޖެ ތަމްސީލު ކުރެއްވީ، ދިވެހިރާއްޖޭގެ ފަރާތުން އދ. ގެ އޮފީސްތަކަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު، ޑރ. އާސިމް އަހުމަދެވެ.
ރާއްޖޭގެ ފަރާތުން އެ ބަހުސްގައި ބައިވެރިވެލައްވައި ޑރ. އާސިމް ދެއްވި ހިތާބުގައި ވިދާޅުވީ އެފަދަ އަމަލުތަކަކީ ހިޔާލުފާޅު ކުރުމުގެ ހައްގުގެ ދަށުން ބަލައިގަނެވޭނެ އަމަލުތަކެއް ނޫންކަމަށާއި އެފަދަ އަމަލުތަކުގެ ސަބަބުން އިސްލާމް ދީނާ މެދު ބިރުވެރިކަމާއި ނަފުރަތު އުފެދޭކަމަށެވެ. އަދި, މުޖުތަމައުގެ ހަމަޖެހުމާއި މަސަލަސްކަން ގާއިމު ކުރުމަށް އެފަދަ އަމަލުތައް ނިމުމަކަށް ގެނައުމަށް ވެސް ގޮވާލެއްވި އެވެ.
އިސްލާމް ދީނާ މެދު ނަފުރަތު އުފެދޭ އަދި ތަފާތު ކުރުންތަކާއި ހަމަނުޖެހުމަށް ހިތްވަރުދޭ އަމަލުތައް ހުއްޓުވުމުގެ މަގުސަދުގައި އޯއައިސީން ވަނީ އެ ބަހުސްގެ ތެރެއިން ގަރާރެއް ވެސް ހުށަހަޅައިފަ އެވެ. ދިވެހިރާއްޖެ ހިމެނޭހެން އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ 28 މެންބަރު ގައުމެއްގެ ތާއީދާ އެކު ބޮޑު އަގުލަބިއްޔަތަކުން އެ ގަރާރު ވަނީ ފާސްވެފަ އެވެ.

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހަށް ގަރާރެއް ހުށަހެޅުމަށާއި ކުއްލި މަޝްވަރާ ބައްދަލުވުމެއް ކުރިއަށް ގެންދިއުމަށް އޯއައިސީން ނިންމީ މިމަހުގެ ދެވަނަ ދުވަހު، އޯއައިސީގެ މައި މަރުކަޒުގައި ކުރިއަށް ގެންދިޔަ އެ ޖަމިއްޔާގެ އެގްޒެކެޓިވް އޯޕަން-އެންޑެޑު ކުއްލި ބައްދަލުވުމެއްގަ އެވެ.
ސްވިޑެންގައި މިފަހުން ގުރުއާން މުސްހަފެއް އަންދާފައި ވަނީ މިދިޔަ ބޮޑު އީދުގެ ތެރޭގައި އެ ގައުމުގައި ހުންނަ މިސްކިތެއްގެ ކުރިމަތީގައި އެ ގައުމުގެ ފުލުހުންގެ ހިމާޔަތް ވެސް ލިބިގެންނެވެ. އެ ހަރަކާތާ ގުޅިގެން ދުނިޔޭގެ އެކި ގައުމުތަކުގެ ފާޑުކިޔުން އެ ގައުމަށް އަމާޒުވެ، ދަތި ކުރުމުގެ ފިޔަވަޅު އަޅައިފާނެ ކަމުގެ ބިރު ހީވުމުން ސްވިޑެންގެ ސަރުކާރުން އެކަން ކުށްވެރިކޮށް ބަޔާނެއް ވެސް ނެރިފައިވެ އެވެ.
އެހެންނަމަވެސް އެ ބަޔާނުގައި ވަނީ ހިޔާލުފާޅު ކުރުމުގެ މިނިވަން ކަމަކީ އެ ގައުމުގެ ގާނޫނު އަސާސީން ހަމަ ކޮންމެ ރައްޔިތަކަށް ވެސް ލިބިދޭ ހައްގެއް ކަން ފާހަގަކޮށް، ގުރުއާން އެންދުމަކީ ވެސް އެއީ ހިޔާލުފާޅު ކުރުމުގެ އަމަލެއް ކަމަށް ސިފަކޮށްފަ އެވެ.
ސްވިޑެންގައި މީގެ ކުރިން ވެސް ވަނީ ގުރުއާން މުސްހަފު އެންދުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފަ އެވެ. އެކަމާ ގުޅިގެން އިސްލާމީ ގިނަ ގައުމުތަކުގެ އިތުރުން ދުނިޔޭގެ އެކިކަންކޮޅުގައި ދިރިއުޅޭ މުސްލިމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.












