ރިޔާސީ އިންތިހާބަށް 58 ދުވަހަށް ވެފައިވާއިރު އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ތެރޭގައި މިހާރު އޮތް ހިޔާލުތަފާތުވުން ތަކާއި މައްސަލަތަކުގެ ވާހަކަތައް ހިއްސާކުރުމަށް އެ ކޮމިޝަނުން ދެކޮޅުހަދައިފި އެވެ.
އީސީގެ ތެރޭގައި ފުރަތަމަ ހިޔާލުތަފާތުވުން އުފެދުނީ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އުފެއްދެވި ދަ ޑިމޮކްރެޓްސް ޕާޓީއަށް ހުއްދަ ދިނުމަށް ކުރި މަސައްކަތުގެ ތެރެއިންނެވެ.
އެ މައްސަލާގައި ޑިމޮކްރެޓްސްގެ އިސް ބޭފުޅުން އީސީއަށް ވަޑައިގެންނެވި ދުވަހު އެ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ވަނީ އެ ކޮމިޝަނުގެ މެމްބަރުންގެ މެދުގައި ހިލާފު އުފެދި، އިތުބާރު ގެއްލިފައިވާކަން ހާމަ ކުރައްވާފަ އެވެ. އަދި ބައެއް މެންބަރުން، ފުއާދު މަސައްކަތް ކުރަނީ ނުފޫޒެއްގެ ދަށުގައި ކަމަށް ތުހުމަތުކުރާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބާ ބެހޭގޮތުން އީސީއިން ކުރަމުންދާ މަސައްކަތްތަކާ ބެހޭގޮތުން މައުލޫމާތު ހިއްސާކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އީސީގެ އެތެރޭގެ މަސްލަހާތާ ބެހޭގޮތުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވުމަށް ފުއާދު ވަނީ ދެކޮޅު ހައްދަވާފަ އެވެ.
"މި ބައްދަލުވުމަކީ ކޮމިޝަންގެ މަސައްކަތްތަކާ ބެހޭގޮތުން އޮތް ބައްދަލުވުމަކަށް ވާތީވެ މާބޮޑަށް އެތެރޭގެ ހިންގުމާ ބެހޭ ތަފުސީލު މިއަދު އަރުވަން އުޅެން ފަށައިފިއްޔާ މި ވަގުތުގެ ތެރޭގައި އާންމު ރައްޔިތުންނަށް އަޅުގަނޑުމެން ދޭން ބޭނުންވާ މައުލޫމާތުގެ ބައި އުނިވެގެންދާނެ" ފުއާދު ވިދާޅުވި އެވެ.

އީސީގެ ތެރޭގައި ޖެހުނު މައްސަލަތައް ބޮޑުވެ، ކޮމިޝަނުގެ ތިން މެންބަރަކު ވަނީ ފުއާދު ރިޔާސަތުގައި އިންނަވާ އީސީގެ ޖަލްސާތައް ބޮއިކޮޓް ކުރުމަށްވެސް މަސައްކަތް ކޮށްފަ އެވެ. ނަމަވެސް މިއަދު އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ، މިދިޔަ ހަފުތާވެސް އީސީގެ ޖަލްސާއެއް ބޭއްވުނު ކަމަށެވެ. އެ ޖަލްސާގައި ރާއްޖޭގައި މިހާރު ތިބި އީސީގެ ހަތަރު މެންބަރުން ބައިވެރިވެލެއްވި އިރު މިއަދުވެސް އެ ކޮމިޝަނުގެ ޖަލްސާއެއް އޮންނާނެ ކަމަށް ވިދާޅުވި އެވެ.
ނަމަވެސް، މިދިޔަ ހަފުތާގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮން ބޭފުޅެއްތޯ "އަދަދު" އިން ސުވާލުކުރުމުން ފުއާދު ވިދާޅުވީ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނުގެ އެތެރޭގެ މަސްލަހަތާ ބެހޭގޮތުން ކުރާ ސުވާލުތަކަށް ޖަވާބުނުދޭން ނިންމަވާފައިވާ ކަމަށެވެ.
"އަޅުގަނޑު ކުރިންވެސް ދެންނެވިހެން އެތެރޭގެ ވާހަކަ ދައްކަން ފަށައިފިއްޔާ އެހެން ކަަމަކަށް ދާނީ، އެހެންކަމުން އެވާހަކަތައަށް އަޅުގަނޑުމެން ޖަވާބު ނުދޭން ވިސްނާފަ ވަނީ"
އީސީގެ އެތެރޭގައި ޖެހިފައިވާ މައްސަލަތަކާ ގުޅިގެން ސިޔާސީ ޕާޓީތަކުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން މީގެކުރިން ރިޔާސީ އިންތިހާބަކަށް ކުޑަތަންވެފައިވަނިކޮށް އިންތިހާބު ބާއްވާ ކޮމިޝަނުގެ ތެރޭގައި މިފަދަ ފާޅުކަންބޮޑު ދެބަސްވުންތަކެއް އުފެދިފައިނުވާކަން އެ ފަރާތްތަކުން ވަނީ ފާހަގަކޮށްފަ އެެ.
ރިޔާސީ އިންތިހާބު ސެޕްޓެމްބަރު 9، ގައި ބާއްވަން ނިންމާފައިވާރު އެ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ވާދަ ކުރައްވާނެ އެވެ. ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރައީސް މުހައްމަދު ނަޝީދު އުފެއްދެވި ކުރާ ދި ޑިމޮކްރެޓްސްގެ ފަރާތުން ވެސް ކެންޑިޑޭޓެއް ނެރޭނެ ކަމަށް ވަނީ ބުނެފަ އެވެ. ނަޝީދު ޑިމޮކްރެޓްސްއާ މާދަމާ ރޭ ރަސްމީކޮށް ޑިމޮކްރެޓްސްއާ ގުޅިވަޑައިގަންނަވާނެ އެވެ.
އޭގެއިތުރުން، ރިޔާސީ އިންތިހާބުގައި ދެން ވާދަކުރަައްވަނީ ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް އާއި އެމްއެންޕީގެ ލީޑަރު މުހައްމަދު ނާޒިމް ގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ.












