ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަރިސް ބޭފުޅުން އުފައްދަވާ ޕާޓީ 'ދަ ޑިމޮކްރެޓްސް' އަށް ހުއްދަ ދޭން އުޅުނު އިރު އިލެކްޝަންސް ކޮމިޝަން (އީސީ) ތެރޭގައި އުފެދުނު ނުތަނަވަސްކަން އަދިވެސް އޮތް އިރު އެއީ އެހާ ބޮޑު ކަމެއް ނޫން ކަމަށް އެކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ސިފަކުރައްވައިފި އެވެ.
"އަދަދު"ގެ 'އެތެރެފުށް' ޕްރޮގްރާމްގައި ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ފުއާދު ވިދާޅުވީ އީސީގެ މެމްބަރުންގެ މެދުގައި އޮތް ހިޔާލުތަފާތުވުންތަކަކީ ރަނގަޅު ގޮތުގައި ބޭނުންކުރެވޭ ނަމަ 'ސްޓްރެންތެއް' ކަމަށެވެ. އެހެން ނަމަވެސް އެކަން ރަނގަޅު ނޫން ގޮތަކަށް ގޮސްފި ނަމަ އެއީ ވަރަށް ބޮޑު 'ވީކްނަސް' އަކަށް [ބަލިކަށި ކަމަކަށް] ވާނެ ކަން ވެސް އޭނާ ގަބޫލުކުރައްވަ އެވެ.
"ދެން އޭގެ ރަނގަޅު ގޮތުގައި ބޭނުންކުރެވޭތޯ އަޅުގަނޑުމެން ބަލަން މި މަސައްކަތްކުރަނީ،" ފުއާދު ވިދާޅުވި އެވެ.
'ދަ ޑިމޮކްރެޓްސް' އުފެއްދަން ހުއްދަ ދޭން އުޅުނު އިރު އީސީގެ ދެ މެމްބަރެއްގެ ނުރުހުން ފުއާދަށް އަމާޒުވީ އެ ޕްރޮސެސް އަވަސްކުރައްވަން އޭނާ މަސައްކަތް ކުރެއްވުމުންނެވެ. އޭނާއާ ހިޔާލުތަފާތުވި މެމްބަރުން އެދުނީ ޑިމޮކްރޭޓުން ހުށަހެޅި ފޯމްތައް ޕްރޮސެސްކުރަން، ކޮމިޝަނަށް ގާނޫނީ ގޮތުން ލިބޭ އެންމެ ދިގު މުއްދަތު ބޭނުންކުރާށެވެ. އެހެން ނަމަވެސް ފުއާދު އެދިވަޑައިގެންނެވީ އެކަން އެއަށް ވުރެ އަަވަސްކުރައްވާށެވެ.
އެއާއެކު ފުއާދު ރިޔާސަތު ބަލަހައްޓަވާ ބައްދަލުވުންތަކުގައި ބައިވެރިވުމާ އެ ދެ މެމްބަރުން ދެކޮޅު ހައްދަވާ ވާހަކަ ފެތުރުނެވެ. ބައްދަލުވުންތައް "މިހާރު ރަނގަޅަށް ބޭއްވޭތޯ؟" އަދަދުގެ ޕްރޮގްރާމްގައި ސުވާލުކުރުމުން ފުއާދު ވިދާޅުވީ "އެހާ މަތީ ދަރަޖައަކަށް ހިޔާލުތަފާތުވުމުން އުނދަގޫތައް ކުރިމަތިވާނެ" ކަމަށެވެ. އެހެން ނަމަވެސް އެކަން މިހާރު އަންނަނީ ހައްލުވަމުންނ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ދެން އެހާ މަތީ ދަރަޖައަކަށް ހިޔާލު ތަފާތުވެގެން ދިއުމުން ބައެއް ކަހަލަ އުނދަގޫތައް ކުރިމަތިވާނެ. އެކަމަކު އެކަންތައްތައް ވެސް އިރާދަކުރެއްވިއްޔާ ހައްލުވަމުން މިދަނީ. [މިހެން މި ދެންނެވީ] މި ހަފުތާ ވެސް ހަމަ ޖަލްސާ ވެސް ބޭއްވުނު. ކަމިޝަނުން ނިންމަން ޖެހޭ ކަންތައްތައް ވެސް ނިންމައި ހެދުނު،" ފުއާދު ވިދާޅުވި އެވެ.
އީސީގެ ތެރޭގައި ހިޔާލުތަފާތުވުންތައް އުފެދިފައި މިވަނީ ރިޔާސީ އިންތިހާބަށް ތައްޔާރުވާން ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ވަގުތެއްގަ އެވެ. ހިޔާލުތަފާތުވުން އޮތް ނަމަވެސް ފުއާދު ދެއްވީ އެ މަސައްކަތަށް އެއްވެސް ބުރުލެއް ނާރާނެ ކަމުގެ ޔަގީންކަމެވެ.
އެހެން ނަމަވެސް ކޮމިޝަނުގައި ހިޔާލުތަފާތުވުން އޮތީ އެނގިފައިވާ ގޮތުގައި ފުއާދު އެެ ވިދާޅުވި ވަރަށް ވުރެ މާބޮޑަށެވެ. ފުއާދާ މެދު ހިތްހަމަނުޖެހި ތިއްބެވި ދެ މެމްބަރަކު، އޭނާ ރިޔާސަތު ބަލަހައްޓަވާ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންނެވުމާ ދެކޮޅު ހައްދަވާ ކަން "އަދަދު" އަށް އެނގިފައި ވެ އެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންގެ މެދުގައި އުފެދުނު ދެބަސްވުންތަކުގެ ސަބަބުން އެ ކޮމިޝަންގެ ގަދަރަށް އުނިކަން އައިކަމަށް ވެސް ފުއާދު ގަބޫލު ކުރައްވަ އެވެ. ނަމަވެސް، ރިޔާސީ އިންތިހާބު މިނިވަންކަމާއެކު ކުރިއަށް ގެންދެވޭނެ ކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ.













