ފުވައްމުލަކުގައި ރޭ ހިންގި މާރާމާރީގައި މީހަކަށް ބޮޑެތި އަނިޔާތައް ދިން މައްސަލާގައި އެރަށުން މިއަދު ދެމީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު "އަދަދު" އަށް ވިދާޅުވި ގޮތުގައި އެ ދެ މީހުން ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ. އެ ދެމީހުންނާ ގުޅޭ ތަފްސީލުތަކެއް އަދި ނުލިބެ އެވެ.
ފުވައްމުލަހުގައި ރޭ ހިންގި މާރާމާރީ ގައި އަނިޔާ ލިބުނު މީހަކު އިތުރު ފަރުވާއަށް މިހާރު ވަނީ މާލެއަށް ގެނެސްފަ އެވެ. ފުލުހުން ބުނި ގޮތުގައި މި މާރާމާރީ ހިންގާފައިވަނީ ރޭ 12:30 ހާއިރު އެވެ. އަދި އަނިޔާވެފައިވަނީ 36 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށް ވެސް ބުންޏެވެ.
"އަދަދު" އަށް ކަށަވަރު ވެފައިވާ ގޮތުގައި އެ މީހާއަށް އިތުރު ފަރުވާ ދިނުމަށް އެމްއެންޑީއެފް ގެ ހެލިކޮޕްޓަރުގައި މާލެ ގެނެސް އައިޖީއެމްއެޗުގައި ދަނީ ފަރުވާދެމުންނެވެ. ފުވައްމުލަކު ހޮސްޕިޓަލުން މައުލޫމާތު ދިން އޮފިޝަލް ވިދާޅުވީ އެ މީހާ މިހާރު މާލެ ގެނެސް އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާދެމުންދާ ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަނިޔާވި މީހާ ހާލު އަންނަނީ ރަނގަޅު ވަމުންނެވެ.

އެނގިފައިވާ ގޮތުގައި މާރާމާރީގައި އަނިޔާވި މީހާގެ އިސްތަށިގަނޑާއި ގައިގައި އަލިފާން ޖައްސާ އޭނާގެ ބޮލަށްވެސް އެކިވަރުގެ ހާނީއްކަ ކޮށްފައި ވެ އެވެ.











