ފުވައްމުލަކުގައި ރޭ ހިނގި މާރާމާރީއެއްގައި އަނިޔާ ލިބުނު މީހަކު އިތުރު ފަރުވާދިނުމަށް މާލެ ގެނެސްފި އެވެ.
ފުލުހުން ބުނި ގޮތުގައި މި މާރާމާރީ ހިންގާފައިވަނީ ރޭ 12:30 ހާއިރު އެވެ. އަދި އަނިޔާވެފައިވަނީ 36 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށް ވެސް ބުންޏެވެ.
"އަދަދު" އަށް ކަށަވަރު ވެފައިވާ ގޮތުގައި އެ މީހާއަށް އިތުރު ފަރުވާ ދިނުމަށް އެމްއެންޑީއެފް ގެ ހެލިކޮޕްޓަރުގައި މާލެ ގެނެސް އައިޖީއެމްއެޗުގައި ދަނީ ފަރުވާދެމުންނެވެ. ފުވައްމުލަކު ހޮސްޕިޓަލުން މައުލޫމާތު ދިން އޮފިޝަލް ވިދާޅުވީ އެ މީހާ މިހާރު މާލެ ގެނެސް އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާދެމުންދާ ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަނިޔާވި މީހާ ހާލު އަންނަނީ ރަނގަޅު ވަމުންނެވެ.
އެނގިފައިވާ ގޮތުގައި މާރާމާރީގައި އަނިޔާވި މީހާގެ އިސްތަށިގަނޑާއި ގައިގައި އަލިފާން ޖައްސާ އޭނާގެ ބޮލަށްވެސް އެކިވަރުގެ ހާނީއްކަ ކޮށްފައި ވެ އެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް މިހާތަނަށް މީހަކު ހައްޔަރުކޮށްފައިވާ ކަމަކަށް ފުލުހުން ނުބުނެ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި މި މާރާމާރީއަކީ މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ހިނގި މާރާމާރީއެކެވެ.













