އިއްޔެ ހަވީރު ޕީޕީއެމް/ޕީއެންސީން މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން ފުލުހުންނާ ދިމާލަށް އެއްޗެއް އެއްލި ކަމަށް ބުނެ ހައްޔަރު ކުރި މީހާގެ ބަންދުގެ މުއްދަތު ޖަހަން ކްރިމިނަލް ކޯޓަށް ގެންދިޔުމުން އޭނާ ބަންދު ނުކޮށް ދޫކޮށްލަން ކޯޓުން ނިންމައިފި އެވެ.
ޖަލު ހުކުމުން ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށާއި އިންޑިއާއިން ރާއްޖޭގެ ދާހިލީ ކަންކަމަށް ނުފޫޒު ފޯރުވުން ހުއްޓާލުމަށް ގޮވާލައި އިދިކޮޅުން ބާއްވަމުންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން އިއްޔެ މުޒާހަރާ ކުރި ސަރަހައްދަށް ސައިކަލެއްގައި ގޮސް ހުރި މީހަކު ފުލުހުން ހައްޔަރުކޮށްފައިވެ އެވެ.
ފުލުހުން މީޑިއާތަކަށް ބުނީ، އެ މީހާގެ ބަންދުގެ މުއްދަތާ މެދު ގޮތެއް ނިންމަން މިއަދު ކްރިމިނަލް ކޯޓަށް ގެންދިޔުމުން އޭނާ ދޫކޮށްލާފައިވާ ކަމަށެވެ.
އެ މީހާ ހައްޔަރުކުރި ގޮތުގެ ވީޑިއޯ އާއި، އޭނާގެ ގާތުގައި އޭރު ހުރި ކަމަށް ބުނާ ކުއްޖާގެ ފޮޓޯ ސޯޝަލް މީޑިއާގައި ދައުރުކުރަމުންދާއިރު، ފުލުހުން އަމަލު ކުރީ އަނިޔާވެރިކޮށް ކަމަށް އިދިކޮޅުން ތުހުމަތުކުރެ އެވެ.
ފުލުހުން މިއަދު ބުނީ، އޭނާ ހައްޔަރު ކުރަން އުޅުމުން ދެކޮޅު ހަދައި ގަދަދެއްކުމުގެ ސަބަބުން އޭނާގެ ފަޔަށް އަނިޔާވި ކަމަށެވެ. އެނގިފައިވާ ގޮތުގައި އަނިޔާވީ އޭނާގެ ބޮޑުވާއިނގިއްޔަކަށެވެ. ފުލުހުން ބުނީ އެކަމާ ގުޅިގެން އޭނާ އައިޖީއެމްއެޗްއަށް ގެންގޮސް ޑޮކްޓަރަށް ދެއްކި ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި އެ މީހާ އަކީ އެތުރިގެން ތިބި ފުލުހުންގެ ސަފުގެ ކުރިމައްޗަށް އަރައި ފުލުހުންނާ ދިމާ އަށް އެއްޗެއް އެއްލި މައްސަލައިގައި ހައްޔަރު ކުރި މީހެކެވެ.
ޕީޕީއެމްގެ އޮފީސް ދޮރުމަތީގައި ބޭއްވި މުޒާހަރާގެ ތެރެއިން އެ މީހާ ހައްޔަރުކުރި މައްސަލަ ކުށްވެރިކޮށް އިދިކޮޅުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، އެއީ ކުޑަކުއްޖަކާއެކު ސައިކަލެއްގައި ދަތުރު ކުރަމުން ދިޔަ މީހެއް ކަމަށާއި ކުޑަކުއްޖާ ކުރިމަތީގައި އޭނާ އަނިޔާވެރި ގޮތަކަށް ހައްޔަރު ކުރީ މުޒާހަރާގެ ފޮޓޯއެއް ނެގުމަށް ފަހު އެ ސަރަހައްދުން ދިޔުމަށް މަސައްކަތް ކުރަނިކޮށް ކަމަށެވެ.
އެ މީހާ ހައްޔަރުކުރި މައްސަލަ ބެލުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވް އާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އިދިކޮޅުން ވަނީ ގޮވާލައިފަ އެވެ. އަދި ފުލުހުންގެ މުއައްސަސާއިން ވެސް އެ އަމަލު ހިންގި ފުލުހުންގެ މައްސަލަ ބެލުމަށް ގޮވާލާފައިވެ އެވެ.













