ހއ. ހަނިމާދޫގެ ޓުއަރިޒަމަށް ހާއްސަކޮށްފައިވާ ސަރަހައްދުން 80،000 އަކަފޫޓުގެ ބިން ދިގު މުއްދަތަށް ކުއްޔަށް ދޫކުރުމަށް އެ ރަށު ކައުންސިލުން ބުރާސްފަތި ދުވަހު އިއުލާނުކޮށްފި އެވެ.
ހަނިމާދޫ ކައުންސިލުން ގެޒެޓު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ކުއްޔަށް ދޫކުރަނީ ޖުމްލަ 12 ބިން ކަމަށެވެ. އެއީ 10،000 އަކަފޫޓުގެ ހަތަރު ބިމަކާއި 5،000 އަކަފޫޓުގެ އަށް ބިން ކަމަށް ކައުންސިލުން ބުނެ އެވެ.
ކައުންސިލުން ދޫކުރަން އިއުލާނު ކުރި ބިންތަކުގެ ތެރެއިން 10،000 އަކަފޫޓުގެ ބިންތައް ދެނީ 40 އަހަރަށެވެ. ކުއްޔަށް ދޭ 5،000 އަކަފޫޓުގެ ބިންތައް ދޫކުރަނީ 30 އަހަރަށެވެ.
މީގެ ކުރިން ޑިސެމްބަރު، 2022، ގައި ވެސް އެ ރަށު ކައުންސިލުން ވަނީ ފަތުރުވެރިކަމުގެ ޒޯނުން 5،000 އަކަފޫޓުގެ ހަތް ބިން ދޫކުރަން އިއުލާނުކޮށްފަ އެވެ. އެއީ ޖުމްލަ 35،000 އަކަފޫޓެވެ.
ގާތްގަނޑަކަށް 305 ހެކްޓަރުގެ ބޮޑުމިން ހުންނަ ހަނިމާދޫއަކީ ކުރިން ފެށިގެން ވެސް އެއާޕޯޓެއް އޮންނަ ފަތުރުވެރިކަން ކުރަމުން އައި ރަށެކެވެ. ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ ބިޔަ ޕްރޮޖެކްޓެއް ސަރުކާރުން މިއަހަރު ވަނީ ފަށައިފަ އެވެ.

ހަނިމާދޫ އެއާޕޯޓު ސަރުކާރުން ތަރައްގީ ކުރަނީ 136 މިލިއަން ޑޮލަރު ނުވަތަ ދެ ބިލިއަން ރުފިޔާގެ ލޯނެއް އިންޑިއާ ސަރުކާރުން ނަގައިގެނެވެ. އެ އެއާޕޯޓު ތަރައްގީކޮށް ނިންމުމުން ހަނިމާދޫގެ އިތުރުން މުޅި އެ ސަރަހައްދު ވެސް ތަރައްގީވާނެ ކަމަށް ސަރުކާރުން ގަބޫލު ކުރެ އެވެ.
އެއިރުން ހަނިމާދޫ އެއާޕޯޓަށް އަހަރަކު މިލިއަނަކަށްވުރެ ގިނަ ފަތުރުވެރިން ފައިބާނެ ކަމަށް ސަރުކާރުން ލަފާ ކުރެ އެވެ. ފަތުރުވެރިކަމުގެ އިތުރުން އެހެން ސިނާއަތްތަކާއި ދާއިރާތައް ވެސް އެއިރުން ތަރައްގީވާނެ ކަމަށް ސަރުކާރުން ބުނެ އެވެ.













