މޯލްޑިވްސް ޑިވޮލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ސެކެޓްރީ ޖެނެރަލްގެ މަގާމަށް ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ފޯވާޑް އަދި ކުޅިވަރުގެ ހިދުމަތްތެރިޔާ ޝާހު އިސްމާއިލް (ސާޔާ) ހަމަޖައްސައިފި އެވެ.
ޝާހު އެމްޑީއޭގެ އެސްޖީ ކަމަށް އައްޔަން ކުރީ އެ ޕާޓީގެ ހުސްވެފައިވާ މަގާމުތަކަށް މީހުން އައްޔަން ކުރުމާއި ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އިއްޔެ ބޭއްވި އެމްޑީއޭގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގަ އެވެ.
އޭނާ އެ މަގާމަށް އައްޔަން ކުރުމަށްފަހު މަރުހަބާކިޔަމުން އެމްޑީއޭއިން ބުނެފައި ވަނީ، ޝާހުގެ ބައިވެރިވުމާއި މަގުބޫލުކަމާއެކު އެމްޑީއޭ އިތުރު އުސްމިންތަކަށް ދާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.
ގައުމީ ފުޓްބޯޅަ ޓީމަށް 14 އަހަރު ކުޅެދިން ޝާހު އަކީ އެ ޓީމުގެ ކެޕްޓަންކަން ކުރި ލީޑަރެކެވެ. 2003 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުން ރިހި މެޑަލް ހޯދި ޓީމުގެ ކެޕްޓަނަކީ ވެސް އޭނާ އެވެ. އޭގެ އިތުރުން، ވެލެންސިއާ، ނިއު ރޭޑިއަންޓް އަދި ވިކްޓްރީ އަށް ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދި އެވެ.
ފުޓުބޯޅަ ކެރިއަރުގެ ފަހުން ޝާހު ފެނުނީ ފުޓްބޯޅައިގެ އިދާރީ ހިންގުންތެރިއެއްގެ ގޮތުގަ އެވެ. އެގޮތުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޖެނެރަލް ސެކްރެޓަރީގެ މަގާމް ފުރާފައިވެ އެވެ. އަދި ދިވެހި ޕްރިމިއާ ލީގް (ޑީޕީއެލް)ގެ ޑިރެކްޓާ އޮފް އެޑްމިނިސްޓްރޭޝަންގެ މަގާމުގެ އިތުރުން ސްޕޯޓްސް މިނިސްޓްރީއާއި ފިޝަރީޒް މިނިސްޓްރީގައި ޑެޕިއުޓީ މިނިސްޓަރުކަން ވެސް އަދާކުރެއްވި އެވެ.

އިއްޔެ އެމްޑީއޭއިން ބޭއްވި ބައްދަލުވުމުގައި ޕާޓީގެ އަންހެނުންގެ ކައުންސިލް ޗެއާޕާސަން މަގާމަށް އާއިމިނަތު ދުމެއިނާ އަދި އިތުރު މެމްބަރެއްގެ ގޮތުގައި ނަޒީރާ އިބްރާހިމް އައްޔަން ކުރި އެވެ.












