ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާއި ގުޅޭ ގޮތުން މީޑިއާގައި ރިޕޯޓްކޮށްފައިވާ ހިޔާނާތުގެ ވާހަކަތައް އެ ކުންފުނިން ދޮގުކޮށްފި އެވެ.
އާރްޑީސީން ރޭ ނެރެނު ބަޔާނެއްގައި ބުނީ އެ ކުންފުނީގެ ބީއެމްއެލް އެކައުންޓުން 13 މިލިއަނަށްވުރެ ގިނަ ރުފިޔާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކާއި، ޗީފް ފައިނޭންޝަލް އޮފިސަރު ޔާސިރު ހަސަންގެ އަމިއްލަ ބޭނުމަކަށް ނަގާފައިވާކަމަށް ބުނެ މީޑިއާގައި ދައުރުވަމުންދާ ވާހަކަތަކަކީ ހަގީގަތާއި ހިލާފު ދޮގު ވާހަކަތަކެއް ކަމަށެވެ.
އެ ކުންފުނީގެ އެކައުންޓުން އެފަދަ އެއްވެސް މުއާމަލާތެއް ހިންގާފައިނުވާނެ ކަމުގެ ޔަގީންކަން ދޭ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.
އާރްޑީސީން ބުނީ އެކުންފުނީގެ ފައިސާއާއި ގުޅޭ އެއްވެސް މައްސަލައެއް ތަހުގީގު ކުރާކަމުގެ މައުލޫމާތެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ފުލުހުންގެ ފަރާތުންވެސް އަންގާފައި ނުވާ ކަމަށެވެ.ވ އާރްޑީސީއަކީ ގަވައިދުން އޮޑިޓް ކުރެވޭ ކުންފުންޏެއް ކަމަށާއި، ކުންފުނީގެ ފައިނޭންޝަލް ޕޮލިސީއާއި ހިލާފު ފައިސާގެ އެއްވެސް މުއާމަލާތެއް އަދި މައްސަލައެއްވެސް ފާހަގަކުރެވިފައިނުވާކަމަށް ބަޔާނުގައި އެކުންފުނިން ބުންޏެވެ.
"އާރްޑީސީއިން ކުންފުނީގެ ހަރަދުތަކާއި ފައިސާގެ މުއާމަލާތް ކުރަމުން ގެންދަނީ ދިވެހިރާއްޖޭގައި ހެދިފައިވާ މަލީ ގަވައިދުތަކާއި އަދި ކުންފުނީގައި ހެދިފައިވާ ޕޮލިސީތަކާއި އެއްގޮތަށެވެ. އެހެންކަމުން ފައިސާއަށް ހިޔާނާތްތެރިވުމާއި ބޮޑެތި އަދަދުތަކުން ވައްކަންކޮށް އެއްވެސް މުއައްޒފެއްގެ އަމިއްލަ އެކައުންޓަށް ނުވަތަ އެކައުންޓުތަކަކަށް ކުންފުނީގެ މައި އެކައުންޓުން ފައިސާ ފޮނުވޭނެ އެއްވެސް މަގެއް ނޯންނާނެކަމުގެ ޔަގީންކަން އަރުވަމެވެ،" ބަޔާނުގައި ބުނެފައިވެއެވެ.

އާރްޑީސީއިން ވަނީ އެކުންފުންޏާއި ބެހޭގޮތުން މީޑިއާތަކުން ގެނެސްދީފައިވަނީ ދޮގު ވާހަކަތަކެއްކަމަށާއި އެއީ އެ ކުންފުންޏާއި މެދު ރައްޔިތުން ދެކޭ ގޮތް ބަދަލުކުރުމަށްޓަކައި ފަތުރާފައިވާ ހަގީގަތާއި ހިލާފު ވާހަކައެއް ކަމަށް ތުހުމަތުކޮށްފަ އެވެ.
އާރްޑީސީން މިހެން ބުނި ނަމަވެސް އެކުންފުނީގެ މައްސަލައެއް ބަލަމުން އަންނަ ކަން ފުލުހުން ވަނީ މީޑިއާތަކަށް ކަށަވަރުކޮށްދީފަ އެވެ އާރްޑީސީގެ ބޭންކު އެކައުންޓަކުން 13 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަގަށް ނެގިތޯ ފުލުހުންގެ މީޑިއާ ގްރޫޕެއްގައި ނޫސްވެރިއަކު ސުވާލު ކުރުމުން އެ އިދާރާއިން ބުނީ "އާރްޑީސީއާ ގުޅުންހުރި މައްސަލައެއް" ބަލަމުންދާ ކަމަށެވެ.
އޭގެ އިތުރު ތަފުސީލެއް ފުލުހުން ނުދެ އެވެ. އަދި ތަހުގީގު ކުރަނީ ކޮން ބާވަތެއްގެ މައްސަލައެއްކަން ވެސް ފުލުހުން ނުބުނެ އެވެ.













