ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަރިސްބޭފުޅުން އުފައްދަވާ 'ދަ ޑިމޮކްރެޓްސް' އުފެއްދުމުގެ ގާނޫނީ ޖަލްސާ ރޭ ބާއްވައި، ވަގުތީ ޗެެއާޕާސަން ކަމުގެ މަގާމަށް އެ ޕާޓީގެ މުއައްސިސު، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު އިންތިހާބުކޮށްފި އެވެ.
ޑިމޮކްރެެޓްސް އުފައްދަން ރޭ ބޭއްވި ޖަލްސާގައި، ވަގުތީ ޗެއާޕާސަނަކަށް ހަސަން ލަތީފުގެ ނަން ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ. އިލްޔާސްގެ އެ ހުށަހެޅުން ފާސްކުރީ ވަގުތީ ޗެއާޕާސަންގެ ނައިބުންގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ހުށަހެޅުއްވި ނަންތަކާވެސް އެކުގަ އެވެ.
ވަގުތީ ޗެއާޕާސަންގެ ނައިބުން
- ނ.އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރު
- އެންވަޔަރްމެންޓް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އަންސަރު
- އެލްޖީއޭގެ ކުރީގެ ސީއީއޯ އަފްޝަން ލަތީފު
ވަގުތީ މަގާމުތަކަށް އެ ބޭފުޅުން އިންތިހާބު ކުރީ ވޯޓުގައި ބައިވެރިވި 357 މެމްބަރުންގެ ތެރެއިން 355 މެމްބަރުންގެ ވޯޓުންނެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން ޕާޓީއެއް އުފައްދަން ބާއްވާ ޖަލްސާގައި އެ ޕާޓީއެއްގެ ނަމާއި ކުލަތަކާއި ލޯގޯ އަދި އަސާސީ ގަވައިދު ފާސްކުރުމުގެ އިތުރުން ވަގުތީ ގޮތުން ޕާޓީ ހިންގާގެ ފަރާތްތައް އައްޔަން ކުރަން ޖެެހެ އެވެ. ޑިމޮކްރެޓުން މިރޭ ބޭއްވި ޖަލްސާގައި އެ ކަންތައްތައް ފުރިހަމަ ކުރި އެވެ.
ރޭގެ ޖަލްސާ ނިންމައިލުމުގެ ކުރިން ހަސަން ލަތީފު އިއުލާނުކުރެއްވި ގޮތުގައި ޑިމޮކްރެޓުން އެކަންތައްތައް ރަނގަަޅަށް ފުރިހަމަކުރި ކަމުގެ ލިއުމެއް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ދީފަ އެވެ.

ދަ ޑިމޮކްރެޓްސް އަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބީއަށް ފަހު، ނަޝީދު އުފެއްދެވި 'ފިކުރެއްގެ ދިރުން' ހަރަކާތުގައި އިސްކޮށް އުޅުއްވި ބޭފުޅުން އުފައްދަވާ ޕާޓީއެކެވެ. ވެރިކަންކުރާ އެމްޑީޕީން ވަކިވެ އާ ޕާޓީއެއް އުފައްދާއިރު، ނަޝީދު ވެސް ވަނީ މި ފަހުން އެމްޑީޕީން ވަކިވެވަޑައިގެންފަ އެވެ. އެކަމަކު އެމަނިކުފާނު އަދި އެ ޕާޓީއަކަށް ސޮޔެއް ނުކުރައްވަ އެވެ.
އެހެން ނަމަވެސް އެޕާޓީއަށް ސޮއިކުރައްވާނެކަން ނަޝީދު ރޭ އިއުލާނުކުރެއްވި އެވެ.
މުހިންމު ބައެއް ހަބަރު
ދުވަހުގެ ކޯޓޭޝަން
ދަ ޑިމޮކްރެޓްސް އުފެއްދުމަށް ބޭއްވި ޖަލްސާގައި އެޕާޓީއާ ގުޅިވަޑައިގަންނަވާނެ ކަން އިއުލާނުކުރެއްވުމަށް ފަހު ނަޝީދު ވިދާޅުވީ ޔާމީނަކީ ރާއްޖެއަށް އެތައް އެތައް ހިދުމަތްތަކެއް ކޮށްދެއްްވާފައިވާ ބޭފުޅެއް ކަމަށާއި އެމަނިކުފާނު ޖަލުގައި ހުންނަވަން އެދިވަޑައިނުގަންނަވާ ކަމަށެވެ. ރިޔާސީ އިންތިހާބަށް ދެ ބޭފުޅުން ވެސް ކުރިމަތިނުލައްވަން ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވީ އެ ވާހަކަގުޅާ ގުޅުވައިގެންނެވެ.
އަޅުގަނޑަށް ފެންނަ ފެނުމުގައި މި ރިޔާސީ އިންތިހާބަށް އަޅުގަނޑުމެން ދެމީހުން ވެސް ކުރިމަތިނުލައި، އަޅުގަނޑުމެން ދެމީހުން އެކުގައި ބާރަށް މަަސައްކަތްކޮށްގެން ރާއްޖޭގެ ރައްޔިތުން މި އެދޭ ގޮތް ހޯދައިދޭންވީ،"
ދުވަހުގެ ފޮޓޯ

ދަ ޑިމޮކްރެޓްސް އުފެއްދުމަށް ރޭ ބޭއްވި ޖަލްސާގައި އެ ޕާޓީގެ ލޯގޯ އާއި ކުލަ ފާސްކުރަނީ. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު











