މާލެއިން ފުރައިގެން އދ. މަހިބަދޫއަށް ދަތުރުކުރަމުންދިޔަ 'ރިކާޑޯ' ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއް ފެތިއްޖެ އެވެ.
ފުލުހުން ބުނިގޮތުގައި އެ ދޯނި އަޑިއަށް ދިޔައީ މާލެ އަތޮޅާއި އަރިއަތޮޅާއި ދެމެދު އޮންނަ އަލިހުރަސް ކަނޑުން ދަތުރުކުރަނިކޮށެވެ. މިރޭ 8:00 ލިބުނު ރިޕޯޓާއި ގުޅިގެން އދ. އަތޮޅު ފުލުހުންގެ ލޯންޗެއް އެ ދޯނި އޮތް ސަރަހަށްދަށް ގޮސް ދޯނީގައި ތިބި އަށް މީހުން ފުލުހުންގެ ލޯންޗަކަށް ނަގާފައިވާ ކަމަށް ވެސް ބުންޏެވެ.
ދޯނީގައި ތިބި މީހުން މަހިބަދުއަށް ގެންދަން މިހާރު ދަތުރުކުރަމުން އަންނަ ކަމަށާއި އަށް މީހުންގެ ހާލުވެސް ރަނގަޅު ކަމަށް ފުލުހުން ބުންޏެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރަ އިތުރަށް ގަދަވެފައި ވާތީ މޫސުމާ ބެހޭ ގައުމީ އިދާރާއިން އަނެއްކާވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލާޓު ނެރެފި އެވެ.
މިރޭ 6:45 އިން ފެށިގެން 10:00 އަށް ޔެލޯ އެލާޓު ނެރެފައިވަނީ ރ.އަތޮޅުން ފެށިގެން ފ.އަތޮޅާ ހަމައަށެވެ.

މިދިޔަ ހަފުތާ ފާހަގަކުރި ބޮޑު އީދު ބަންދު ނިމި މި ހަފުތާގެ އާދިއްތަ ދުވަހު ކުރަން ފެށި މި ވިއްސާރައިގައި މުޅި ރާއްޖެ ހިމެނޭހެން ވަނީ ބޯވާރެއާއި ގަދަ ވައިގެ އަސަރުކޮށްފަ އެވެ. އެގޮތުން އިއްޔެ އުތުރުގެ އަތޮޅުތަކަށް ވިލާގަނޑުގައި 55 މޭލަށް ވައި ޖެހިފައިވެ އެވެ.
މި ވިއްސާރައިގައި ތިން ރަށަކަށް ވަނީ އެކި ވަރުގެ ގެއްލުންވެފަ އެވެ. ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގެ އޮފިޝަލަކު "އަދަދު" ވިދާޅުވި ގޮތުގައި މޫސުން ގޯސްވެ ވިއްސާރަވުމުގެ ސަބަބުން ގެއްލުންވީ ރަށްތަކުގެ ޅ.ނައިފަރު، ހއ. އިހަވަންދޫ އަދި ބ. މާޅޮހަށެވެ.













