ނިމިދިޔަ ބޮޑު އީދު ދުވަހުގެ ފަތިހު މަޖީދީ މަގުން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ސައިކަލުން ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގެ މައްސަލާގައި، ހައްޔަރުކުރި ޒުވާނާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަހުގެ މުއްދަތެއް ޖަހައިފި އެވެ.
އެކްސިޑެންޓު ހިނގިތާ ހަ ދުވަސް ފަހުން, ސައިކަލު ދުއްވަން އިން ޒުވާނާ ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. މިދިޔަ ހަފުތާގެ ބުދަ ދުވަހުގެ ފަތިހު 5:00 އެހާއިރު، ހިނގި އެ އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިނީ 22 އަހަރުގެ ޒުވާނެކެވެ.
މިދިޔަ އާދީއްތަ ދުވަހު ހައްޔަރުކުރި މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރި އެވެ. ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތަކަށް އޭނާ ބަންދުގައި ބަހައްޓަން އަމުރު ނެރެދީފަ އެވެ.
ހައްޔަރުކުރި ޒުވާނާއަކީ ސައިކަލު ދުއްވުމުގެ ލައިސެންސް އޮތް މީހެއް ނޫނެވެ. އަދި އޭނާގެ ހައްޔަރު އަދި ބަންދު ލޮގުގެ ރެކޯޑު އެބަ އޮތް ކަމަށް ވެސް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެ އެވެ.
އެ އެކްސިޑެންޓުގައި, އުމުރުން 50 އަހަރުގެ ހަފީޒްގެ ހާލު އަދިވެސް ވަރަށް ގޯހެވެ. އޭނާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު، އިތުރަށް ފަރުވާއަށް އިންޑިއާއަށް ވަނީ މިއަދު ފުރައިފަ އެވެ.

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ ސީނިއާ ލެކްޗަރާއެއްގެ ވަޒީފާ އަދާ ކުރާ ހަފީޒުގެ ގައިގައި ސައިކަލުން ޖެހުނީ ހީނާމާގެ ޕާކިން ޒޯނު ކަންމަތީގައި ހުންނަ މަސްޖިދުލް އާދިލުން ފަތިސް ނަމާދުކޮށް އެތަނުން ފައިބައިގެން ރެޑްވޭވަށް ވަދެލުމަށް މަގު ހުރަސް ކުރި ވަގުތެވެ. ސައިކަލުން ޖެހި އޭނާ ސާޅީހަކަށް ފޫޓަށް ވިއްސައިގެން ދިޔަ ކަމަށްވެ އެވެ.
ހަފީޒު ގައިގައި ޖެހުނު ސައިކަލު ދުއްވަން އިން މީހާ ފުރަތަމަ ހައްޔަރުނުކޮށް އެކްސިޑެންޓް ހިނގިތާ ހަ ދުވަސް ފަހުން ހައްޔަރު ކުރީ، ހަފީޒަށް އިންސާފު ހޯދައިދިނުމަށް އޭނާގެ އާއިލާއިންނާއި ރަހުމަތްތެރިންނާއި ހެޔޮ އެދޭ ފަރާތްތަކުންނާއި ވަރަށް ގިނަ އާންމުން ގޮވާލަމުން ދަނިކޮށެވެ.













