ނިމިދިޔަ ބޮޑު އީދު ދުވަހުގެ ފަތިހު މަޖީދީ މަގުން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ސައިކަލުން ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ސައިކަލް ދުައްވަން އިން ޒުވާނާ ހައްޔަރުކޮށްފި އެވެ.
އެކްސިޑެންޓު ހިނގިތާ ހަ ދުވަސްފަހުން, އޭނަ ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. ބުދަ ދުވަހުގެ ފަތިހު 5:00 އެހާއިރު، ހިނގި އެ އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިނީ 22 އަހަރުގެ ޒުވާނެކެވެ.
އޭނާގެ އަތުގައި ސައިކަލު ދުއްވުމުގެ ލައިސަންސެއް ނެތް ކަމަށް ފުލުހުން އެ ދުވަހު ބުނެފައިވެ އެވެ. ނަމަވެސް, އޭރު އޭނާ ހައްޔަރެއް ނުކުރެ އެވެ.
އެހެންކަމުން, އެކްސިޑެންޓުގައި އަނިޔާވި އަލީ ހަފީޒްގެ ރަހުމަތްތެރިންނާއި ހެޔޮއެދޭ މީހުން ވަނީ, ހަފީޒަށް އިންސާފު ގާއިމްކޮށްދިނުމަށް ގޮވާލާފަ އެވެ. އެގޮތުން ,އެ މައްސަލަ ރަނގަޅަށް ތަހުގީގުކޮށް ގާނޫނީ އިމުގެ ތެރެއިން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެޅުމަށް ވެސް ގޮވާލި އެވެ.
އެ އެކްސިޑެންޓުގައި, އުމުރުން 50 އަހަރުގެ ހަފީޒްގެ ހާލު އަދިވެސް ވަރަށް ގޯހެވެ. އޭނާއަށް ދަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ ސީނިއާ ލެކްޗަރާއެއްގެ ވަޒީފާ އަދާ ކުރާ ހަފީޒު އެއާލިފްޓުކޮށްގެން ބޭރަށް ގެންދިޔުމުގެ ވިސްނުމެއް އާއިލާއިން ގެންގުޅޭކަން މި ނޫހަށް އެނގިފައިވެ އެވެ.
އެނގިފައިވާ ގޮތުގައި ހަފީޒުގެ ގައިގައި ސައިކަލުން ޖެހުނީ ހީނާމާގެ ޕާކިން ޒޯނު ކަންމަތީގައި ހުންނަ މަސްޖިދުލް އާދިލުން ފަތިސް ނަމާދުކޮށް އެތަނުން ފައިބައިގެން ރެޑްވޭވަށް ވަދެލުމަށް މަގު ހުރަސް ކުރި ވަގުތެވެ. ސައިކަލުން ޖެހި އޭނާ ސާޅީހަކަށް ފޫޓަށް ވިއްސައިގެން ދިޔަ ކަމަށްވެ އެވެ.












