މީގެ ތިން އަހަރު ކުރިން، މާލެ ޓީޖެޓީގައި ބަނދަރުކޮށްފައި އޮތް "އިރުއަލިމަސް" ނަމަކަށް ކިޔާ ދޯންޏަކުން 61 ކިލޯގެ މަސްތުވާތަކެތި ފެނުނު މައްސަލާގައި ދައުވާކުރި 10 މީހުންގެ ތެރެއިން ހަ މީހެއްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް އަދި ހަތަރު މީހެއްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
މި މައްސަލާގައި ފުރަތަމަ 11 މީހެއްގެ މައްޗަށް ދައުވާ ކުރި ނަމަވެސް ޝަރީއަތް ހިނގަމުން ދަނިކޮށް އޭގެ ތެރެއިން އެކަކު ވަނީ މަރުވެފަ އެވެ. މިދިޔަ ޖޫން މަހު 20 ވަނަ ދުވަހު، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އާދަމް މުހައްމަދު ހުކުމް އިއްވެވީ ދެން ތިއްބެވި 10 މީހުންގެ މައްޗަށެވެ.
މީގެ ތެރެއިން، ދައުލަތުން އުފުލާފައިވާ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ސާބިތު ވެއްޖެ ކަމަށް ހުކުމް ކުރީ "އިރުއަލިމަސް" ދޯނި ފުލުހުން ބަލައިފާސްކުރިއިރު އޭރު އެ ދޯނީގައި ތިބި ހަ މީހުންގެ މައްޗަށެވެ. ދެން ތިބި ހަތަރު މީހުނަކީ ފަހުން ފުލުހުން އެއްކުރި ހެކިތަކުގެ މައްޗަށް ހައްޔަރުކޮށް ދައުވާކުރި މީހުުނެވެ.
ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ވަނީ، ބާކީ ތިބި ހަތަރު މީހުންގެ މައްޗަށް ކުށް ސާބިތުނުވަނީ ދޯނިން ފެނުނު މަސްތުވާތަކެތި އެ ފަރާތްތަކަށް ދެއްކުމުގެ ގޮތުން ދޯންޏަށް ގެންގޮސް އެ ކަން ކޮށްފައިނުވާތީއާއި، އެ މަސްތުވާތަކެއްޗާއި އެ ފަރާތްތަކާ ގުޅުން ހުރި ގޮތެއް ދައުލަތަށް ބުނެދެވިފައިނުވާތީ ކަމަށެވެ.
ކުށް ސާބިތުނުވާ ކަމަށް ކަނޑައެޅި ހަތަރު މީހުންގެ ތެރޭގައި، މަސްތުވާތަކެތި އެތެރެ ކުރުމުގައި އިސްކޮށް އުޅޭ ކަމަށް ފުލުހުން ތުހުމަތު ކުރާ އަހުމަދު ވިސާމް ވެސް ހިމެނެ އެވެ. ދައުލަތުން ހުށަހެޅި ދައުވާގެ ލިޔެކިޔުމުގައި ބުނާ ގޮތުން ވެސް އޭނާއަކީ ޕާކިސްތާނާއި އިރާނުގައި ހަރަކާތްތެރިވާ މަސްތުވާތަކެތީގެ ނެޓްވޯކުތަކާ ގުޅިގެން ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރާ މީހެކެވެ.

ކުށް ސާބިތުވި ކަމަށް ކަނޑައެޅި ހަ މީހުންގެ މައްޗަށް އިއްވި ހުކުމަކީ އުމުރު ދުވަހު ނުވަތަ 25 އަހަރު ދުވަހަށް ޖަލަށް ލުމަށާއި މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން 12 މަސް ދުވަހުގެ ތެރޭގައި 100،000 ރުފިޔާގެ ޖޫރިމަނާއެއް ދެއްކުމަށެވެ.
މި މީހުން ބަންދުގައި ތިން އަހަރާއި ދެ މަހާއި ފަސް ދުވަސް ހޭދަކޮށްފައި ވާތީ ދެން ތަންފީޒުކުރަން ޖެހޭނީ 21 އަހަރާއި ނުވަ މަހާއި ފަސް ދުވަހުގެ ހުކުމެކެވެ.
ކުށް ސާބިތުނުވާ ކަމަށް ހުކުމުގައިވާ މީހުން؛
- އަހުމަދު ވިސާމް، ކ. މާލެ މ. ބޮއިލިންފިޝް
- މުހައްމަދު ހަމީދު، ގދ. ރަތަފަންދޫ ގުލްދަސްތާގެ
- މުހައްމަދު ޝާމިން، ކ. މާލެ މއ. ވިރާހު
- މުހައްމަދު މާއިޝް، ކ. މާލެ މ. މާކޮޅު
ކުށް ސާބިތުވާ ކަމަށް ހުކުމުގައިވާ މީހުން؛
- އަހުމަދު ޝިފާޒު، ހުޅުމާލެ ފްލެޓް ނަންބަރު 06-ޖީ-04
- އަބްދުﷲ ޝާމް، ކ. މާލެ މއ. ބޯޅަކިންކިރިމާގެ
- ހުސައިން ސުނާޒު، މ. މުލި ސޯސަންވިލާ
- މުހައްމަދު މާއިދު، މ. ކޮޅުފުށި އޯޝަންވިއު
- މުހައްމަދު ރިޝްވާން އިބްރާހިމް، މ. މުލި މުޝްތަރީގެ
- ސައުދުﷲ ރަޝީދު، ކ. މާލެ މއ. ކެޕްރިކޯން












