ސިޔާސީ ޕާޓީއެއްގައި މަދުވެގެން ތިބެން ޖެހޭ 3،000 މެމްބަރުން ހަމަނުވާތީ މޯލްޑިވްސް ރިފޯމް މޫމެންޓް (އެމްއާރްއެމް) އުވައިލަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމި ނިންމުން ބާތިލުކޮށްދިނުމަށް އެދި އެ ޕާޓީން ސިވިލްކޯޓަށް ހުށަހަޅައިފި އެވެ.
'އަދަދު' އަށް މައުލޫމާތު ދެއްވަމުން އެމްއާރްއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް ވިދާޅުވީ، އީސީގެ ނިންމުން ބާތިލުކުރުމަށް އެދި މިދިޔަ ޖޫން މަހުގެ 22 ގައި ސިވިލްކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލަބަލައިގަތުމާ މެދު ކޯޓުން އަދި ވަކި ގޮތެއް ނިންމާފައިނުވާކަމަށް ވެސް އަލީމް ވިދާޅުވި އެވެ.
އީސީގެ ނިންމުން ބާތިލުކުރުމަށް އެދި ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅުމަށް އެމްއާރްއެމްއަށް އަންގައި، ސިވިލް ކޯޓުން އަމުރު ނެރުނީ މިދިޔަ މޭމަހުގެ 28 ގަ އެވެ.
އެމްއާރުއެމް އުވާލި މައްސަލާގައި މައުމޫނާއި އެމަނިކުފާނުގެ ދަރިކަލުން އަދި ޕާޓީގެ ރައީސް ފާރިސް މައުމޫން ވަނީ މިއީ އީސީގެ ނިންމުމަކީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް ތުހުމަތުކުރައްވައި އެ ކޮމިޝަނަށް ފާޑުވިދާޅުވެފަ އެވެ. އެމްއާރުއެމުން ބުނާ ގޮތުގައި އީސީއިން 3،000 މެމްބަރުން ހަމަކުރުމަށް ދިން މުއްދަތުގައި އެ އަދަދަށް އެ ޕާޓީން ވަނީ ފޯމު ހުށަހަޅައިފަ އެވެ.

އެމްއާރުއެމް އަކީ މި ސަރުކާރު ހިންގާ ކޯލިޝަނުގައި ވެސް ހިމެނޭ ޕާޓީއެކެވެ. އެ ޕާޓީން މި އަހަރުގެ ރިޔާސީ އިންތިހާބާމެދު އަދި ގޮތެއް ނިންމާފައި ނުވާއިރު ޕާޓީގެ ރައީސް، ފާރިސް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަމުގެ އަޑުތައް ދަނީ ގަދަވަމުންނެވެ.













