ކަނޑަށް ފައްތާފައި ހުއްޓާ ފެނުނު 45 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި މީހަކު ހައްޔަރެއް ނުކުރޭ

ފުލުހުން އެކި އޮޕަރޭޝަންތަކުގައި އަތުލައިގަނެފައި ހުރި ޑްރަގް ދޫނިދޫގައި ނައްތާލަން ތައްޔާރުކުރަނީ -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ފުލުހުން އެކި އޮޕަރޭޝަންތަކުގައި އަތުލައިގަނެފައި ހުރި ޑްރަގް ދޫނިދޫގައި ނައްތާލަން ތައްޔާރުކުރަނީ -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

މިދިޔަ މެއި މަހުގެ ތެރޭގައި ފ. ފިލިތެޔޮ ރިސޯޓު ކައިރިިން ކަނޑަށް ފައްތާފައި ހުއްޓާ ފުލުހުން ހޯދި 45 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި އަދިވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފިލިތެޔޮ ކައިރިން މޫދަށް މަސްތުވާތަކެތި ފައްތާފައި ހުއްޓާ އެ ހިސާބުގެ މަސް ދޯންޏަކަށް ފެނިގެން މެއި 18، ގައި އެކަން ފުލުހުންނަށް ރިޕޯޓުކުރުމުން ފުލުހުން ހިންގި އޮޕަރޭޝަނުގައި އަތުލައިގަތީ 45 ކިލޯގެ ހެރޮއިން އެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓް އޮފިޝަލަކު "އަދަދު" ވިދާޅުވި ގޮތުގައި، މިހާތަނަށް އެ މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށާއި ނަމަވެސް ތަހުގީގު ކުރިއަށްގެންދާ ކަމަށެވެ.

މަސްތުވާތަކެތި ހޯދަން ފުލުހުން ހަފުތާއެއްހާ ދުވަހު ފިލިތެޔޮ ކައިރިން ކަނޑުގެ ސަރަހައްދެއް ބެލި އެވެ.

މީގެ ކުރިން ވެސް މޫދަށް ފައްތާފައި ހުއްޓާ ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެފައިވެ އެވެ. އަދި ފަޅު ރަށްރަށުގައި ވަޅުލާފައި ހުއްޓާ ވެސް ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދާފައިވެ އެވެ. ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި، ގިނަ އަދަދެއްގެ ޑްރަގް އެގޮތަށް ފޮރުވާފައި ބަހައްޓަނީ، ޓްރާންސިޓް މަންޒިލެއްގެ ގޮތުގައި ރާއްޖެ ބޭނުންކޮށްގެން އެހެން ގައުމުތަކަށް ޑްރަގް ފޮނުވުމަށެވެ.

ފާއިތުވި ހައެއްކަ އަހަރުގެ ތެރޭގައި ބޮޑެތި އަދަދުތަކުން ރާއްޖެއަށް އެތެރެ ކުރަން އުޅުނު ޑްރަގް ޝިޕްމަންޓުތައް ފުލުހުން އަތުލައިގަނެފައިވެ އެވެ. އެފަދަ ބައެއް ހާދިސާތަކުގައި 100 ކިލޯއަށް ވުރެ ގިނައިން ވެސް ޑްރަގް ފެނިފައި އެބަ ހުއްޓެވެ.

އެގޮތުން، އެންމެ ގިނަ އަދަދަށް މި ފަހުން ޑްރަގް އަތުލައިގަނެފައި ވަނީ 2020 ވަނަ އަހަރު ހުޅުމާލޭ ފަޅުގައި އޮތް ދޯންޏަކުން 130 ކިލޯ އަދި 2021 ވަނަ އަހަރު ރ. މަޑުއްވަރީ ކައިރީ އޮންނަ ފަޅު ރަށަކުން 215 ކިލޯ އެވެ. އެ ދެ މައްސަލައިގައި ވެސް ދައުވާކޮށްފައިވާއިރު، ޝަރީއަތްތައް ދަނީ ކުރިއަށެވެ.

މިދިޔަ ނޮވެމްބަރު 17، ވަނަ ދުވަހު ފުލުހުން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2018 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާ ހަމައަށް ފުލުހުން އެކި އޮޕަރޭޝަންތަކުގައި ޖުމްލަ 1.6 ޓަނުގެ ޑްރަގް އަތުލައިގަނެފައިވެ އެވެ. އެ މަސްތުވާތަކެއްޗާއި ގުޅިގެން ޖުމްލަ 6165 މައްސަލައެއް ތަހުގީގު ކުރި އިރު، އޭގެ ތެރެއިން 2681 މައްސަލައެއް ވަނީ ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox