އީދު ދުވަހު ފަތިހު މަޖީދީ މަގުން ހިނގާފައި ދަނިކޮށް ސައިކަލަކުން ޖެހި ހާނީއްކަވި މީހާގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން ބުނި ނަމަވެސް އެ މައްސަލައިގައި މީހަކު ހައްޔަރުނުކުރާ ކަމަށް ފުލުހުން ބުނެފި އެވެ.
އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލްް "އަދަދު" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ ހާނީއްކަވި އަލީ ހަފީޒް، 50، އަށް އަދިވެސް ފަރުވާދެމުން އަންނަ ކަމަށާއި އޭނާގެ ހާލު ސީރިއަސް ކަމަށެވެ.
މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ ސީނިއާ ލެކްޗަރާއެއްގެ ވަޒީފާ އަދާ ކުރާ ހަފީޒު އެއާލިފްޓުކޮށްގެން ބޭރަށް ގެންދިޔުމުގެ ވިސްނުމެއް އާއިލާއިން ގެންގުޅޭކަން މި ނޫހަށް އެނގިފައިވެ އެވެ.
ބުދަ ދުވަހުގެ ފަތިހު 5:00 އެހާއިރު، ހިނގި އެ އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިނީ 22 އަހަރުގެ ޒުވާނެކެވެ. އޭނާގެ އަތުގައި ސައިކަލު ދުއްވުމުގެ ލައިސަންސެއް ނެތް ކަމަށް ފުލުހުން އެ ދުވަހު ބުނެފައިވެ އެވެ.
އެނގިފައިވާ ގޮތުގައި ހަފީޒުގެ ގައިގައި ސައިކަލުން ޖެހުނީ އިސްކަންދަރު މިސްކިތުން ފަތިސް ނަމާދުކޮށް އެތަނުން ފައިބައިގެން ރެޑްވޭވަށް ވަދެލުމަށް މަގު ހުރަސް ކުރި ވަގުތެވެ. ސައިކަލުން ޖެހި އޭނާ ސާޅީހަކަށް ފޫޓަށް ވިއްސައިގެން ދިޔަ ކަމަށްވެ އެވެ.

އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ބުނި ނަމަވެސް މީހަކު ހައްޔަރު ނުކުރާ ސަބަބެއް ފުލުހުން ނުބުނެ އެވެ. މިދިޔަ އޭޕްރީލް މަހު ލޯންޗެއް، އެހެން ލޯންޗަކަށް އަރުވާލުމުގެ ސަބަބުން މީހަކު މަރުވި އިރު ވެސް ފުލުހުން މީހަކު ހައްޔަރުކޮށްފައެއްނުވެ އެވެ.
ހަފީޒު ގައިގައި ސައިކަލުން ޖެހުނު މައްސަލަ ރަނގަޅަށް ތަހުގީގުކޮށް ގާނޫނީ އިމުގެ ތެރެއިން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެޅުމަށް އޭނާގެ ރަހުމަތްތެރިންނާއި ހެޔޮއެދޭ މީހުން އަންނަނީ ގޮވާލަމުންނެވެ.













