ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ވަގުތީ ލިސްޓަށް ލިބުނު 551 ޝަކުވާ ބެލުމަށްފަހު މި ހަފްތާ ތެރޭގައި ދާއިމީ ލިސްޓު ނެރޭނެ ކަމަށާއި އެ ލިސްޓު ގަޑުބަޑު ކުރުމަށް އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ, ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ވަގުތީ ލިސްޓު އާންމުކޮށް, ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމާއެކު 551 ޝަކުވާ ލިބިފައިވާ ކަމަށެވެ. އަދި އެ ޝަކުވާތައް ބެލުމަށްފަހު ޖަވާބު ދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ވޯޓާސް ލިސްޓަށް ހުށަހެޅި ޝަކުވާތަކުގެ ތެރެއިން 465 ޝަކުވާއަކީ މަރުތަކާ ގުޅިފައިވާ ޝަކުވާ އެވެ. އަދި ދާއިމީ އެޑްރެސް ބަދަލުވެގެން 58 ޝަކުވާ ލިބުނުއިރު ލިސްޓުގައި ނަން ނެތިގެން ހުށަހަޅާފައިވަނީ 19 ޝަކުވާ އެވެ.
ޝަކުވާތައް ބެލުމަށްފަހު ދާއިމީ ލިސްޓު މި ހަފްތާތެރޭގައި ގެޒެޓުގައި އާންމު ކުރައްވާނެ ކަމަށް ވެސް ހަބީބް ވިދާޅުވި އެވެ. އަދި, އޭނާ ވަނީ ލިސްޓު ގަޑުބަޑު ކުރަން އުޅޭ ކަމަށް ބުނެ އިދިކޮޅުން ދައްކަމުންދާ ވާހަކަތަކަށް ވެސް ރައްދު ދެއްވާފަ އެވެ/
"ވޯޓުލާމީހުންގެ ލިސްޓަކީ ސިއްރުން ގެންގުޅޭ އެއްޗެއްނޫން. ތި ބޭފުޅުން ހެއްދެވި ގާނޫނުގައި އޮންނަގޮތަށް، ލިސްޓު ގެޒެޓުކޮށް ޕާޓީތަކަށް ލިސްޓު ފޮނުވައި، ހުރިހާ ރަށެއްގައި ލިސްޓު ޢާންމުކޮށް ޝަކުވާއަށް ހުޅުވާލައި، ޝަކުވާ އާ ގުޅިގެން އަންނަ ބަދަލުވެސް ގެޒެޓު ކުރަމުން، އިސީގެ ނިންމުމާ މެދު ހިތްހަމަނުޖެހޭ ނަމަ، ހައިކޯޓަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު ވެސް ފަހިވެފައި އޮންނައިރު، ތިޔަހެން ވިދާޅުވާން ހެޔޮނުވާނެ," ހަބީބް ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލެވޭނީ އެ ލިސްޓުގައި ތިބި މީހުންނަށް އެކަންޏެވެ.
"އިންތިާބެއްގެ އެންމެ މުހިންމު އެއް އަސާސް ބިނާވެގެންވަނީ ވޯޓުލާމީހުންގެ ލިސްޓަށް ކަމަށްވާތީ، މި ލިސްޓުގެ ސައްހަކަން ކަށަވަރު ކުރުމަކީ ޕާޓީތަކުންނާއި، ކެންޑިޑޭޓުންނާއި، ކައުންސިލްތަކުން އަދި ފަރުދީގޮތުން ވެސް ކުރުން ވަރަށް މުހިންމު ކަމެއް." ހަބީބް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ދާއިމީ ލިސްޓު ނެރުމަށްފަހު, ރަށްވެހިވެފައިވާތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓާވާން ފުރުސަތު ހުޅުވާލާނެ އެވެ. އެ ފުރުސަތު އޮންނާނީ ޖުލައި 16 އިން އޮގަސްޓު 5, ގެ ނިޔަލަށެވެ.
ރިޔާސީ އިންތިހާބުގެ އަދާހަމަ
ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް ބާކީ 71 ދުވަސް އޮތް އިރު، މިހާތަނަށް އިންތިހާބުގާ ވާދަކުރައްވާ ބައެއް ކެންޑިޑޭޓުން ވަނީ އެކަން އިއުލާންކޮށްފަ އެވެ.
އެގޮތުން, ވެރިކަންކުރާ އެމްޑީޕީގެ ޓިކެޓުގައި ނުކުންނަވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ. މި ސަރުކާރުގެ ކޯލިޝަނުގައި އޮތް ނަމަވެސްް ޖުމްހުރީ ޕާޓީ ރިޔާސީ އިންތިހާބުގައި ވަކިން ނުކުތުމަށް ނިންމާ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ވަނީ ޓިކެޓު ދީފަ އެވެ.
އޭގެ އިތުރުން ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރާއި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް އަދި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އިތުރުން ޑރ. މުހައްމަދު އާތިފް ވެސް ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާންކޮށްފި އެވެ.
އަދި، ޕީޕީއެމްގެ ފަރާތުން, މިހާރު ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް އަބްދުالله ޔާމީން ވާދަކުރައްވަން ޕީޕީއެމްގެ ރިޔާސީ ޓިކެޓު ހަވާލުކޮށްފައިވާއިރު, މަޖިލިސް ރައީސް މުހައްމަދު ނަޝީދު އިސްވެ އަލަށް އުފައްދަވާ ދަ ޑިމޮކްރެޓްސް ޕާޓީންވެސް ވަނީ ރިޔާސީ ކެންޑިޑޭޓެއް ނެރޭނެ ކަމަށް ބުނެފަ އެވެ.












