ހައްޖުގެ އަޅުކަން އަދާކުރަމުން ދަނިކޮށް ދިވެހި ހައްޖާޖީއަކު ނޫރު ފަރުބަދަ ކައިރީގައި ނިޔާވެފައި އޮއްވާ ފެނިއްޖެ އެވެ.
ނިޔާވީ ރ. މާކުރަތު، މަލަ، މުހައްމަދު ނަސީމް އަލީ، 72، އެވެ. އޭނާ ފެނުނީ ނޫރު ފަރުބަދަ ކައިރި ނިޔާވެފައި އޮއްވާ ރޭގެ ވަގުތެއްގަ އެވެ.
އަލް ހަރަމައިން ހައްޖު އެންޑް އުމްރާ ކޮމްޕެނީގެ ހަވާލުގައި ހައްޖަށް ދިޔަ ނަސީމް މިދިޔަ ހޯމަ ދުވަހުން ގެއްލިގެން ދިޔައީ ހޯދަމުންނެވެ. އޭނާ ގެއްލުނީ މިނާގައި ޖަހާފައި ހުރި ޓެންޓުން ނިކުތް ފަހުންނެވެ.
ސައުދީ އަރަބިއްޔާގެ ކަމާބެހޭ ފަރާތްތަކާއި ދިވެހި ހައްޖު މިޝަން އާއި ސައުދީ އަރަބިއްޔާގައި ހުންނަ ދިވެހިރާއްޖޭގެ މިޝަނުން ދިޔައީ ނަސީމް ހޯދަމުންނެވެ.
ނޫރު ފަރުބަދައަކީ ހިރާ ހޮހަޅަ ހުންނަ ފަރުބަދަ އެވެ. އެއީ މި އުއްމަތުގެ ރަސޫލު މުހައްމަދު ސއވ. ވަރަށް ގިނައިން ޒިޔާރަތް ކުރެއްވި ތަނެކެވެ. ހޮހަޅަ ހުންނަނީ ގާތްގަނޑަކަށް 890 ފޫޓު މަތީގަ އެވެ. ނަމާދު ކުރެއްވުމާއި އެހެނިހެން އަޅުކަންތައް އަދާ ކުރެއްވުމުގައި ރަސޫލާ ހިރާ ހޮހަޅައިގައި ގިނަ ވަގުތު ހޭދަ ކުރެއްވި އެވެ.














