މާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރާއިރު، އެ ސަރަހައްދުތަކުގެ ވަށައިގެންވާ މަގުތައް ބަންދުކުރަން ނިންމާފައިވާ ގޮތް ފުލުހުން މިއަދު ހާމަކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނެފައިވާ ގޮތުގައި، މާލެ، ވިލިމާލެ، އަދި ހުޅުމާލޭގައި ވެސް ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރަން ހަމަޖެހިފައިވެ އެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މޫސުން ގޯސްވެގެން ބޮޑު ޖަމާއަތުގައި ނަމާދު ނުކުރެވޭ ނަމަ އެކަން ކުރިއާލައި އަންގާނެ ކަމަށެވެ.
ފުލުހުން މިއަދު ބުނި ގޮތުގައި، މާލޭގެ އިސްލާމީ މަރުކަޒު، ސަލްމާން މިސްކިތް އަދި މާފައްނު ސްޓޭޑިއަމްއަށް ދެވެން ހުންނަ މަގުތައް އީދު ނަމާދުގެ ކުރިން ބަންދުވާނެ އެވެ.
ސަލްމާން މިސްކިތުގައި އީދު ނަމާދު ކުރަން ހަމަޖެހިފައި ވަނީ އެ މިސްކިތާއި ވަށައިގެންވާ މާބުލް ސަރަހައްދުގަ އެވެ. ކާނިވަލް ސަރަހައްދުން ފެށިގެން އާޓިފިޝަލް ބީޗާ ހަމައަށް ހާއްސަކޮށްފައި ވަނީ މިސްކިތަށް ދާ މީހުންގެ އުޅަނދުތައް ޕާކު ކުރުމަށެވެ.
މާފަންނު ސްޓޭޑިއަމްގެ ވަށައިގެންވާ މަގުތައް ވެސް އުޅަނދުތަކަށް ބަންދުކުރާއިރު، ޕާކް ކުރަން ހަމަޖެހިފައި ވަނީ ބޮޑުތަކުރުފާނު މަގުގަ އެވެ.

އިސްލާމީ މަރުކަޒުގެ ވަށައިގެން ވެސް މަގުތައް ބަންދުކުރަން ހަމަޖެހިފައިވާއިރު، އުޅަނދުތައް ޕާކު ކުރެވޭނީ އިއްޒުއްދީން ފާލަމާ ދިމާލުން ބޮޑުތަކުރުފާނު މަގާއި އާޓް ގެލަރީ ކައިރިން މަގުމަގީގަ އެވެ.
ބޮޑު ޖަމާއަތް ބޭއްވުމަށް ހަމަޖެހިފައި ވަނީ މާފަންނު ސްޓޭޑިއަމް، އިސްލާމީ މަރުކަޒާއި މައިދާން ސަރަހައްދު، ސަލްމާން މިސްކިތާއި ވަށައިގެންވާ ސަރަހައްދު، ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ސިންތެޓިކް ޓްރެކް، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކްރިކެޓް ސްޓޭޑިއަމް އަދި ވިލިމާލެ ފުޓްބޯޅަ ދަނޑުގަ އެވެ.
އީދު ނަމާދަށް ދާއިރު ސަމާލުކަން ދިނުމަށް އިސްލާމިކް މިނިސްޓްރީން އެދޭ ކަންކަން:
- ގެއިން ވުޟޫކޮށްގެން ދިޔުން
- އަމިއްލަ މުސައްލައެއް ގެންދިޔުން
- އަމިއްލަ ފެންފުޅިއެއް ގެންދިޔުން
- ފައިވާންލާނެ ކުޑަ ދަބަހެއް ނުވަތަ ކޮތަޅެއް (ދަބަސް/ކޮތަޅު ޕްލާސްޓިކް އެއްޗަކަށް ނުވުން)













