އަންނަ ސެޕްޓެމްބަރު މާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލެވޭ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހަޅަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވައިލި މުއްދަތު އިއްޔެ ހަމަވި އިރު 500 އަށް ވުރެ ގިނަ ޝަކުވާ ހުށަހަޅާފައިވާ ކަމަށް އެކޮމިޝުން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ނައިބުރައީސް އިސްމާއީލް ހަބީބު މިއަދު އާއްމުކުރެއްވި މައުލޫމާތުގައިވާ ގޮތުން، އެކޮމިޝަނަށް އެންމެ ގިނައިން ހުށަހަޅާފައި ހުރީ މަރުވެފައިވާ މީހުންގެ ނަން ވޯޓާސް ލިސްޓްގައި އޮތް ކަމުގެ ޝަކުވާ އެވެ. މަރުވެފައިވާ މީހުންގެ ނަތް ލިސްޓްގައި އޮތް ކަމުގެ ޖުމްލަ 465 ޝަކުވާ ހުށަހެޅި އެވެ. އެހެނިގެން ޝަކުވާ ތަކާ އެކު އެ ލިސްޓާ މެދު ހުށަހެޅި ޝަކުވާގެ ޖުމްލަ އަކީ 551 އެވެ.
އީސީގެ މައުލޫމާތުގައިވާ ގޮތުން ވޯޓާސް ލިސްޓަށް ދެވަނަ އަށް އެންމެ ގިނަ ޝަކުވާ ހުށަހެޅީ މީހުންގެ އެޑްރެސް ބަދަލުވެފައިވާކަން އަންގަން ހުށަހެޅި ޝަކުވާ އެވެ. އެކަހަލަ 58 ޝަކުވާއެއް ހުށަހެޅި އެވެ.
ލިސްޓްގައި ނަން ނެތްކަމުގެ 19 ޝަކުވާ އެއް ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.

އީސީން ބުނީ ވޯޓްލާމީހުންގެ ލިސްޓާ މެދު ހުށަހަޅާފައިވާ ޝަކުވާތަކަށް ފަސް ދުވަހުގެ ތެރޭގައި ޖަވާބުދޭނެ ކަމަށެވެ.
"އީސީ އިންދޭ ޖަވާބާ މެދު، ހިތްހަމަ ނުޖެހޭނަމަ، އެ މައްސަލައެއް ހައިކޯޓަށް ހުށަހެޅުމުގެ ފުރުސަތު ވެސް އެފަރާތަކަށް ލިބިގެންވޭ. ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު ޢާންމު ކުރުމުން، ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ޝަކުވާ ހުށަނާޅާ ފަރާތަކަށް ދެން ޝަކުވާ ހުށަހެޅުމުގެ ފުރުސަތެއް ނޯންނާނެ،" އީސީގެ ނައިބުރައީސް އިސްމާއީލް ހަބީބް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބަށް ތައްޔާރުވާން ކުރަން ޖެހޭ ގިނަ މަސައްކަތްތަކެއް އީސީން މިހާރު ވަނީ ނިންމައިފަ އެވެ.













