ވެރި ރަށް މާލޭ ކައިރިއަށް ފުޅި އަޅައިގެން ފީނަން ފައިބައި އުޅުނު ފަތުރުވެރިއަކަށް މިޔަރެއް ހަމަލާދީ އޭނާ ވަރަށް ބޮޑަށް ޒަހަމްކޮށްލައިފި އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ހައްވާ އަފީފާ މި ނޫހާ ވާހަކަ ދައްކަމުން ބުނީ މިޔަރެއް ހަމަލާ ދިނުމުގެ ސަބަބުން ޒަހަމްވެ ފަރުވާދެމުން އަންނަނީ އުމުރުން 27 އަހަރުގެ އަންހެން ފަތުރުވެރިއަކަށް ކަމަށެވެ. އޭނާއަށް މިވަގުތު ފަރުވާދެނީ އެ ހޮސްޕިޓަލުގެ އެމަޖެންސީ ކޮޓަރީގައި ކަމަށް އަފީފާ ބުންޏެވެ.
އަނިޔާ ލިބުނީ ކޮން ގައުމެއްގެ ފަތުރުވެރިޔަކަށް ކަމެއް ނޭނގެ އެވެ. އަދި މިޔަރު އޭނާއަށް ހަމަލާދިނީ ކީއްވެ ކަމެއް ވެސް އަދި ނޭނގެ އެވެ.
މިޔަރު ހަމަލާދިން ފަތުރުވެރިޔާ ފީނަން ފޭބި ސީދާ ދިމާލެއް އަދި ނޭނގެ އެވެ. އޭނާއާއެކު އިތުރު ފަތުރުވެރިންތަކެއް ވެސް އަޑިއަށް ދިޔަ އެވެ. އަނިޔާވި މީހާ ހޮސްޕިޓަލަށް ގެންދާ މަންޒަރުގެ ވީޑިއޯ ސޯޝަލް މީޑިއާގައި މިހާރު އާންމުވެފައިވާއިރު އޭނާ ލައިގެން ހުރި އަންނައުނާއެކު މުޅި ހަށިގަނޑުގައި ލޭ ހުރި މަންޒަރު ފެނެ އެވެ.
ރާއްޖޭގައި މޫދަށް އެރި އުޅޭ މީހުންނަށް މިޔަރު ހަމަލާދިނުމަކީ އާންމު ކަމެއް ނޫނެވެ. ނަމަވެސް މިފަހުން އެފަދަ ހާދިސާތަކެއް ހިނގާފައި އެބަހުއްޓެވެ. އެގޮތުން މެއި، 2022 ގައި ކަނޑަށް ވެއްޓުނު މަސްވެރިއަކަށް މިޔަރެއް ހަމަލާދިނެވެ. އަދި ތ. ވަންދޫގައި މޫދަށް އެރި އުޅުނު ކުޑަކުއްޖަކަށް ޑިސެމްބަރު، 2020، ގައި މިޔަރެއް ހަމަލާދިނެވެ. އޭގެ އިތުރުން، މާޗް، 2021 ގައި ފިލިތެޔޮ ރިސޯޓުގެ މުވައްޒަފަކު މިޔަރަށް ކާންދޭން އުޅެނިކޮށް ދަތް އަޅާފައިވެ އެވެ.














