ހުޅުމާލޭގައި ދެ ކާރެއް ޖެހި ހިނގި އެކްސިޑެންޓެއްގައި މިރޭ މީހަކު މަރުވެއްޖެ އެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގަައި ބުނީ މަރުވި މީހާގެ އިތުރުން އެ އެކްސިޑެންޓުގައި އެހެން ދެ މީހުންނަށް ހާނީއްކަވި ކަމަށެވެ.
އެކްސިޑެންޓު ހިނގަން މެދުވެރިވީ ހުޅުމާލެ ފޭސް އެކެއްގައި ޕްލެޓިނަމް ފްލެޓުތައް ކައިރި، ދެ ކާރު ޖެހުމުގެ ސަބަބުން ކަމަށް ފުލުހުން ބުނެ އެވެ. އަދި އެތަނުން އެއް ކާރު މަތަވީ މަގުގެ ޑިވައިޑަރުގައި ޖެހިގެން ކަމަށް ވެސް ފުލުހުން ބުނެ އެވެ.
މި ނޫހަށް އެނގިފައިވާ ގޮތުގައި އެކްސިޑެންޓުގައި މަރުވީ ޓެކްސީ ދުއްވަން އިން މީހާ އެވެ.
މަންޒަރުދުށް މީހަކު ބުނި ގޮތުގައި މަރުވި ޑްރައިވަރު އިން ކާރު ކޮންޓްރޯލުން ނެއްޓުނީ، ހުޅުމާލޭގެ ފޭސް އެކަކުން ފޭސް ދެއަަކަށް ދާން އޮންނަ ބްރިޖްތަކުގެ ތެރެއިން މެދު ބްރިޖްގެ ކައިރީގައި، ފޭސް އެކަކަށް ދަތުރުކުރާ ފަޅިން، ވަން ވޭ އިން އިދިކޮޅަށް އެއް ކާރު އައުމުންނެވެ. އޭނާ ބުނި ގޮތުގައި ޑިވައިޑަރުތައް ހަރުކޮށް ވަންވޭ އަކަށް ހަދާފައިވާ ސަރަހައްދަށް އެ ކާރު ވަނީ ކޮންޓްރޯލުން ނެއްޓިގެންނެވެ. މަރުވީ އެ ކާރުގައި އިން ޑްރައިވަރު ކަމަށް ވެސް އޭނާ ބުންޏެވެ.














