ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެ ވަނަ ދައުރުގެ ޖަލްސާއެއް ދެން ބޭއްވެން ނެތް ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ނަމަވެސް އެފަދަ ހާލަތެއް ނެތް ކަމަށް މެޖޯރިޓީ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އިއްޔެ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ބޭއްވެވި މީޑިއާ ބްރީފިންއެއްގައި ނަޝީދު ވިދާޅުވީ މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު މިހާރު ބަލަހައްޓަވަމުން ގެންދަވާ ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފަށް، ވިދިވިދިގެން ރިޔާސަތު ބެލެހެއްޓެވޭނީ ތިން ޖަލްސާގައި ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވައިދާ ހަވާލާދެއްވައި އެމަނިކުފާނު ވިދާޅުވީ އެހެންވީމާ މަޖިލިސް ޗުއްޓީއަށް ދިއުމުގެ ކުރިން ދެން ބާއްވަން ޖެހޭ ޖަލްސާތަކުގެ ރިޔާސަތު އަފީފަށް ނުބެލެހެއްޓެވޭނެ ކަމަށެވެ.
"މާދަމާގެ މަޖިލިސް ޖަލްސާއެއް ބޭއްވޭކަށެއް ނެތް. ގަވާއިދު މި ބުނަނީ މަޖިލިސް ރައީސާއި މަޖިލިސް ނައިބުރައީސް ފިޔަވާ އެހެން ބޭފުޅަކަށް މަޖިލިސްގެ ރިޔާސަތު ބެލެހެއްޓެވޭނީ ވިދިވިދިގެން ތިން ޖަލްސާގައޭ. މިއަދަށް އެ ތިން ޖަލްސާ އެ ހަމަވީ. މަޖިލިސް ގަވާއިދު އެބަ ބުނޭ ދައުރުގެ އެންމެ ފަހު ބުރާސްފަތީގައި މަޖިލިސް ޗުއްޓީއަށް ދާން ޖެހޭނެ ކަމަށް. އެހެންވީމާ މަޖިލިސް ޗުއްޓީއަށް ވެސް ދާނެ. މި ކުރިއަށް މި އޮތް ދެ ޖަލްސާ އަޅުގަނޑަށް ފެންނަ ގޮތުގައި ބޭއްވޭކަށެއް ނެތް،" ނަޝީދު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ މަޖިލީހުގެ ރިޔާސަތު ބަލަަހައްޓަވަން މަޖިލީހުގެ ރައީސަށް އެއްވެސް ހުރަހެއް ނެތް ކަމަށާއި މާދަމާ ޖަލްސާ ބާއްވަން ޖެހޭނެ ކަމަށެވެ.
"މާދަމާ (މިއަދު) ޖަލްސާ ނުބާއްްވަންޏާ އެެއީ މަޖިލީހުގެ ޒިންމާއިން ރެކިވަޑައިގަތުން. މަޖިލީހުގެ ރައީސް ހަމަ ވަޑައިގަނަނަވަން ޖެހޭނެ. ރިޔާސަތު ބަލަހައްޓަވަން ބޭނުންފުޅު ނުވަންޏާ ޖަލްސާ ފަށްޓަވާފައި އެހެން ބޭފުޅަކާ ހަވާލުކުރެއްވޭނެ،" އަސްލަމް ވިދާޅުވި އެވެ.

އޭނާ މާނަކުރެއްވި ގޮތުގައި އެހާލަތުގައި ޖަލްސާ ހިންގަވާ ބޭފުޅަކަށް ވާނީ މަޖިލީހުގެ ރައީސް ނަޝީދެވެ. ޖަލްސާ ބާއްވަވަން އެމަނިކުފާނު އެދިވަޑައިގަންނަވާ ނަމަ އެގޮތަށް ކަންތައް ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަނެއްހެން ޖަލްސާ ފަށްޓަވާފައި ހަވާލުކުރައްވާފައި ވެސް ވަޑައިގެންނެވޭނެތާ. ޖަލްސާގެ ބައެއް ހިންގަން ހަވާލުކުރެވޭނެތާ [އެހެން މެމްބަރަކަށް]. ކުރައްވަންޏާ ކުރެއްވޭނެ [އެގޮތަށް ވެސް]. އެބޭފުޅުން ބޭނުންފުޅުވަންޏާ ކުރައްވާނެ،" އަސްލަމް ވިދާޅުވި އެވެ.
"އުނދަގޫ ވެގެން މިއުޅެނީ އާއިލީ ކަމަކަށް ވާތީ"
އަސްލަމް ދެކެވަޑައިގަންނަވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން ނަޝީދު ވަކިކުރުމަށާއި ނައިބު ރައީސް އީވާ ވަކިކުރުމުގެ މައްސަލަ ކުރިއަށް ނުގެންދެވިގެން އުޅެނީ ނަޝީދު ވިދާޅުވާ ފަދައިން، އެ ދެ މައްސަލަ އެއްފަހަރާ ހުށަހަޅާފައި އޮތީމައެއް ނޫނެވެ. އަސްލު މައްސަލަައަކީ އޭނާ ވިދާޅުވި ގޮތުގައި އެ ދެ ބޭފުޅުުންނަކީ އާއިލީ ގޮތުން ގާތް ދެބޭފުޅުންނަށް ވާތީ ދިމާވެގެން އުޅޭ މައްސަލަ އެކެެވެ.
"އަސްލު ހަގީގަތުގައި އެ ދެބޭފުޅުންނަށް [ރިޔާސަތުގައި] ނުތިއްބެވިގެނެއް ނޫން. އެއް ބޭފުޅެއްގެ މައްސަލަ އެޖެންޑާކުރާ ޖަލްސާގެ ރިޔާސަތުގައި އަނެއް ބޭޅަކު އިންނަވަން ބޭނުންފުޅު ނުވަނީ. އީވާގެ އިތުބާރު ނެތްކަމުގެ ވޯޓް ނަގަން އަންނިބެ އަށް އުނދަގޫ ވަނީ،" އަސްލަމް ވިދާޅުވި އެވެ.
މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވުމާ ދުރުވެވަޑައިގެން ހުންނަވާ ހުންނެވުން ދިފާއުކުރައްވައި ނަޝީދު ވިދާޅުވީ އެމްޑީޕީގެ ރައީސްގެ ގޮތުގައި އެމަނިކުފާނު ހުންނަވަނިކޮށް، އިތުބާރު ނެތްކަަމަށް ހަމަ އެޕާޓީން ހުށަހެޅީމާ ރިޔާސަތުގައި މަޖިލީހުގެ ރިޔާސަތުގައި އިންނެވުމަކީ "ޑިމޮކްރެޓިކް ބެސްޓް ޕްރެކްޓިސް" އަށް ބައްލަވާ އިރު ކުރެއްވޭނެ ކަމެއް ނޫން ކަަމަށެވެ.
"އެގޮތަށް ބަލާއިރުގައި އަޅުގަނޑު ރިޔާސަތުގައި އިތުރަށް އިނުމަކީ އެއްގޮތަކަށް ވެސް، އެއް ގޮތަކަށް ވެސް ކަމުދާ ގޮތެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.
މަޖިލިސް ޗުއްޓީއަށް ދިއުމުގެ ކުރިން އެހެން ޖަލްސާއެއް ނުބޭއްވިދާނެ ކަމަށް ބެލެވިފައި ވާއިރު މިވަގުތަށް މުހިއްމު ބައެއް ބިލުތައް މިއަދުގެ ޖަލްސާއިން ވަނީ ފާސްކޮށްފަ އެވެ. ފެނުމުން މަހުރޫމުވެފައިވާ މީހުން އަމިއްލައަށް ވޯޓްލުމަށް ޓަކައި ޑިވައިސް އެއް ބޭނުންކުރުމުގެ ހުއްދަދޭ ބިލާއި ރިޔާސީ އިންތިހާބަށް ކުރިމަތިލާން އޮންނަ 10 ދުވަހުގެ މުއްދަދު 15 ދުވަހަށް ބަލުކުރުމުގެ ބިލު އޭގެ ތެރޭގައި ހިމެނެ އެވެ.
މުހިންމު ބައެއް ހަބަރު
ދުވަހުގެ ކޯޓޭޝަން
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މަނިކުފާނު ވިދާޅުވީ؛
"އަޅުގަނޑު މިހާރު މި ހުރީ ޕާޓީގައި މި އަމަލުތައް ހިންގާ ކަމަށްވަންޏާ އަޅުގަނޑަށް ވަރަށް އުނދަގޫ އަދި ކިތަންމެ ދުވަހެއްވެފައި ހުރި ނަމަވެސް އެމްޑީޕީގައި އަޅުގަނޑު ހުންނަން. އަޅުގަނޑަށް ވަރަށް އުނދަގޫ. އާދެ އަޅުގަނޑު ވަރަށް ދެރަވޭ، ވަރަށް ދެރަވޭ މި ވާހަކަ ދަންނަވަން,"
ދުވަހުގެ ފޮޓޯ

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފޯނަށް އައި މެސެޖެއް ނަޝީދު ބައްލަވަނީ. އާންމުކޮށް ބާއްވާ ނޫސްކޮށްފަރެންސްތަކުގައި ފޯނަށް ނުބައްލަވާ މިންވަރަށް އިއްޔެ ފޯނަށް ބެއްލެވި. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު












