މާލެ، ރަސްފަންނާ ދިމާ ބޭރުން އޮޔާ ދިޔަ މީހަކު ފުލުހުން މިއަދު ސަލާމަތްކޮށްފި އެވެ.
ފުލުހުން ބުނީ އޭނާ ސަލާމަތް ކުރިއިރު، އޮތީ ހަބަރު ހުސްވެފައި ކަމަށާއި މިހާރު އޭނާ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދެމުންދާ ކަމަށެވެ.
އޭނާ ސަލާމަތް ކުރަން މަސައްކަތް ކުރި ވަގުތުގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، އެ ވީޑިއޯއިން ފެންނަ ގޮތުގައި އޮޔާ ދިޔަ މީހާ ކޮންމެވެސް ވަރަކަށް އަތުން ހަރަކާތް ކުރާ ތަން ފެނެ އެވެ. އޭނާ ސަލާމަތް ކުރުމަށް މޫދުގައި ހަރަކާތްތެރިވަމުން ދާތަން އެ ވީޑިއޯއިން ފެންނަނީ ދެ މީހުންނެވެ. އޭގެތެރެއިން އެއް އޮފިސަރު ހުންނަނީ ޔުނިފޯމު އަޅައިގެން މަގުމަތީގައި ހަރަކާތްތެރިވާއިރު ލާ ވެސްޓު ވެސް ލައިގެންނެވެ.
އޭނާ ސަލާމަތް ކުރުމަށްފަހު އެ މީހުން މަސައްކަތް ކުރީ އޭނާ އެދިމާލުން އެއްގަމަށް އެރުވުމަށެވެ. ނަމަވެސް އެކަން ފަސޭހައިން ކާމިޔާބުވާ ގޮތް ނުވުމުން އޭނާ ނަގާފައި ވަނީ އެ ސަރަހައްދުން ދަތުރު ކުރި ޑިންގީއަކަށެވެ.
އޮޔާ ދަނިކޮށް ސަލާމަތް ކުރި މީހާއަކީ ސީދާ ކާކުކަމެއް އަދި އޭނާ އޮޔާ ދާން މެދުވެރިވީ ސަބަބެއް މިހައިތަނަށް ސާފުވެފައެއް ނުވެ އެވެ. ނަމަވެސް އެއީ 24 އަހަރުގެ ދިވެހި ފިރިހެނެއް ކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފަ އެވެ.













