ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މިއަހަރު ރާއްޖޭން ސައުދީ އަރަބިއްޔާއަށް ދާ ހައްޖުވެރިންގެ ފުރަތަމަ ގްރޫޕު މިއަދު ހަވީރު ފުރާނެ އެވެ.
އިސްލާމިކް މިނިސްްޓްރީން ބުނީ ފުރަތަމަ ގްރޫޕު ފުރާނީ މިއަދު މެންދުރު ފަހު 15:10 ގައި ކަމަށެވެ. އެއީ ހައްޖު ކޯޕަރޭޝަންް ލިމިޓެޑުގެ ފަރާތުން ފުރާ ހައްޖުވެރިންނެވެ.
މި ހަފްތާގެ އަންގާރަ، ބުރާސްފަތި އަދި އަންނަ ހުކުރު ދުވަހާއި ހޯމަ ދުވަހު ގްްރޫޕުތައް ފުރާނެ ކަމަށް އިސްލާމިކްް މިނިސްޓްރީން ބުނެ އެވެ.
ޙައްޖުވެރިން ފުރުމަށް ހަމަޖެހިފައިވާ ދުވަސްތަކާއި ވަގުތު;
- ޖޫން 12, 2023 – މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް – 15:10
- ޖޫން 13, 2023 - ސިސިލްފަރު ޙައްޖު އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑް – 12:50
- ޖޫން 15, 2023 – އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑް – 19:00
- ޖޫން 16, 2023 - މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން – 15:10
- ޖޫން 16, 2023 - އަލްޙަރަމައިން ޙައްޖު އެންޑް ޢުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް – 19:00
- ޖޫން 19, 2023 - މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑް – 15:10
އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް ހައްޖުވެރިން އެއާޕޯޓަށް ގެންދިއުމާއި، ލަގެޖު ކަލެޓު ކުރުމުގެ މަސައްކަތް ސަރުކާރުގެ މުއައްސަސާތަކާ ގުޅިގެން ކުރިއަށްދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.

މި އަހަރު ރާއްޖެއަށް ރަސްމީ ހައްޖު ކޯޓާގެ ގޮތުގައި 1000 ލިބިފައިވާއިރު ކޯޓާގެ އަދަދު 2,500 އަށް ބޮޑުކުރަން ރާއްޖެއިން އެދުނެވެ. އެހެން ނަމަވެސް, ކޯޓާ އިތުރުވެފައި ނުވެ އެވެ.
ރާއްޖެއަށް ވަރަށް ކުރީއްސުރެ ވެސް ހައްޖުގެ ކޯޓާގެ ގޮތުގައި ރަސްމީކޮށް ދެނީ 1،000 ކޯޓާ އެވެ. ނަމަވެސް, ކޮވިޑާއެކު އެ އަދަދު 435 އަށް ދަށްވުމަށްފަހު މިއަހަރު އަނެއްކާ ވެސް މިވަނީ ކުރިން ކޯޓާ ދިން އަދަދު ރުޖޫއަކޮށްފަ އެވެ.












