މި އަހަރުގެ ރިޔާސީ އިންތިހާބަށް އޮންލައިންކޮށް ރީ-ރަޖިސްޓާ ކުރެވޭގޮތް އިލެކްޝަންސް ކޮމިޝަނުން ހަދައިފި އެވެ.
އިލެކްޝަން ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު މިއަދު "އަދަދު" އަށް ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި ތަފާތުކޮށް ކުރަން ހަމަޖެހިފައިވާ ކަންކަމުގެ ތެރޭގައި އޮންލައިންކޮށް ރީ-ރަޖިސްޓާވުން ހިމެނޭ ކަމަށެވެ.
މީގެ ކުރިން ރީ-ރަޖިސްޓާ ކުރެވެނީ, އެކަމަށް އެދޭ ކަރުދާސް ފޯމު އިލެކްޝަން ކޮމިޝަނަށް ހުށަހެޅުމުންނެވެ.
"ކުރިން ޖެހޭނީ ހަމަ ފިޒިކަލް ފޯމު ހުށަހަޅަން އިލެކްޝަން ކޮމިޝަނަށް, މިހާރު ދުނިޔޭގެ ކޮންމެ ތާކު ހުންނަ މީހަކަށް ވެސް, އޮންލައިންކޮށް ރީ-ރަޖިސްޓާ ކުރެވޭނެ،" ހަބީބު ވިދާޅުވި އެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބުގެ ގަވާއިދު ރޭ އާންމުކޮށްފައިވާއިރު, އެ ގަވާއިދުގައި ވަނީ ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އެދޭ ފޯމު, ކޮމިޝަނުން ކަނޑައަޅާ ނިޒާމެއްގެ ތެރެއިން ހުށަހެޅުމަށެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބަށް އޮންލައިންކޮށް ރީ-ރަޖިސްޓީ ކުރެވޭއިރު, އަދި އެ ފުރުސަތު ހުޅުވައެއް ނުލަ އެވެ. ރީ-ރަޖިސްޓްރީ ކުރުމަށް ހުޅުވާލާނީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓްރީ އާންމުކޮށް, އެ ލިސްޓަށް ހުށަހަޅާ ޝަކުވާތައް ބެލުމަށްފަހެވެ.
ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓްރީ މިއަދު އާންމު ކުރާނެ އެވެ. އަދި މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް އެ ރަޖިސްޓްރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮންނާނެ އެވެ. އެ ރަޖިސްޓްރީ ސައްހަ ކުރުމަށްފަހު ރީ-ރަޖިސްޓްރީއަށް ހުޅުވާލާނީ އަންނަ ޖުލައި 16، ގަ އެވެ.
ރިޔާސީ އިންތިހާބު ބާއްވާނީ އަންނަ ސެޕްޓެމްބަރު 9، ގަ އެވެ.
އެ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ވިދާޅުވެފަ އެވެ. އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ކޮރަޕްޝަންގެ މައްސަލައެއްގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން އަންނަ ކުރީގެ ރައީސް އަބްދުﷲ ޔާމިނެވެ.












