ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލެވޭ މީހުންގެ ދާއިމީ ލިސްޓު އިލެކްޝަންސް ކޮމިޝަނުން މިއަދު އާންމުކުރަން ނިންމައިފި އެވެ.
އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު "އަދަދު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވޯޓުލެވޭ މީހުންގެ ދާއިމީ ލިސްޓު މިއަދު އާންމުކޮށް، ޝަކުވާ ހުށަހަޅަން ހުޅުވާލާނެ ކަމަށެވެ.
މީގެ ކުރިން އީސީއިން ހިއްސާކުރި ރިޔާސީ އިންތިހާބުގެ ޓައިމްލައިން ބުނާ ގޮތުން، މިއަދު އާންމުކުރާ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް 30 ދުވަހުގެ މުއްދަތެއް ލިބޭނެ އެވެ. އަދި އެއަށްފަހު ރީ-ރެޖިސްޓްރޭޝަނަށް ހުޅުވާލެވިގެންދާނެ އެވެ.
އެ ދެ މަރުހަލާގައި ގެންނަ ބަދަލުތަކަށްފަހު ރިޔާސީ އިންތިހާބުގައި ވޯޓުލެވޭ މީހުންގެ ފައިނަލް ލިސްޓު އާންމު ކުރާނެ އެވެ.
މީގެ ކުރިން ބޭއްވުނު ރިޔާސީ އިންތިހާބުތަކުގައި ވޯޓު ފޮއްޓަކަށް ރަޖިސްޓްރީ ކުރަނީ 1،000 މީހުނަށް ވުރެ އިތުރުވުމުންނެވެ. ނަމަވެސް މި ފަހަރު ފޮއްޓަކަށް ރަޖިސްޓްރީ ކުރާ އަދަދު 800 އަށް ދަށް ކުރުމަށް އީސީއިން ވަނީ ނިންމާފަ އެވެ.

މި ފަހަރުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދު 280،000 އަށް އަރާއިރު، ރާއްޖޭގެ އާބާދީގެ އެންމެ ގިނަ މީހުން ދިރިއުޅޭ މާލޭގައި ބަހައްޓާ ވޯޓު ފޮށީގެ އަދަދު ވެސް ވަރަށް ބޮޑަށް އިތުރުވެ އެވެ.
ރިޔާސީ އިންތިހާބުގެ އަދާހަމަ
ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް ބާކީ 89 ދުވަސް އޮތް އިރު، މިހާތަނަށް އިންތިހާބުގާ ވާދަކުރައްވާ ބައެއް ކެންޑިޑޭޓުން ވަނީ އެކަން އިއުލާންކޮށްފަ އެވެ.
އެގޮތުން, ވެރިކަންކުރާ އެމްޑީޕީގެ ޓިކެޓުގައި ނުކުންނަވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ. މި ސަރުކާރުގެ ކޯލިޝަނުގައި އޮތް ނަމަވެސްް ޖުމްހުރީ ޕާޓީ ރިޔާސީ އިންތިހާބުގައި ވަކިން ނުކުތުމަށް ނިންމާ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ވަނީ ޓިކެޓު ދީފަ އެވެ.
އޭގެ އިތުރުން ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރާއި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް އަދި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާންކޮށްފި އެވެ. އަދި، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ އަލަށް އުފައްދަވާ ދަ ޑިމޮކްރެޓްސް ޕާޓީންވެސް ވަނީ ރިޔާސީ ކެންޑިޑޭޓެއް ނެރޭނެ ކަމަށް ބުނެފަ އެވެ.













