ފަންސާސް ހަތަރު އަހަރަށްވުރެ ގިނަ ދުވަހު ދައުލަތަށް ހިދުމަތް ކޮށްދެއްވާފައިވާ ކުރީގެ މިނިސްޓަރު، ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެެރިޔާ، އަބްދުﷲ ޖަމީލް އަވަހާރަވެއްޖެ އެވެ.
އާލާސްކަންފުޅާ ދުވަސްތަކެއް ވަންދެން އުޅުއްވުމަށް ފަހު އޭނާ އަވަހާރަވީ ރޭ ފަތިހުގެ ވަގުތެއްގަ އެވެ. އަވަހާރަވީ އިރު އުމުރުފުޅަކީ 87 އަހަރެވެ.
އަބްދުﷲ ޖަމީލް ވަނީ ސަރުކާރަށް 54 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތްކޮށްދެއްވާފަ އެވެ. އޭނާ ސަރުކާރަށް ހިދުމަތް ކުރައްވަން އޭނާ ފެށްޓެވީ 1953 ވަނަ އަހަރު ވުޒާރަތުލް މުވާސަލާތުގެ އޮބްޒާވަރެއްގެ ވަޒީފާއިންނެވެ. އޭގެފަހުން ސަރުކާރުގެ ތަފާތު އިދާރާތަކުގެ މުހިންމު މަގާމުތަކެއް އޭނާ ފުއަދާކުރެއްވި އެވެ. އޭގެތެރޭގައި ވަޒީރުލްއައުޒަމްގެ އޮފީހުގެ ސެކްރެޓެރީ ކަމާއި ހިންގާ ސެކްރެޓެރީ ކަމާއި ވުޒާރަތުއް ދާހިލިއްޔާގެ ސެކްރެޓެރީ ކަމާއި ހިންގާ ސެކްރެޓެރީ ކަމާއި ކޮޔާ އެންޑު ކަވަރީޒް އެޑްވައިޒަރީ ބޯޑުގެ ހއ.މެންބަރު ކަމުގެ އިތުރުން އެ ބޯޑުގެ ތ. އަތޮޅު މެންބަރު ކަމާއި ސިނަމާ ކުންފުނީގެ ވިޔަފާރީގެ މެނޭޖަރު ކަމާއި ގައުމީ ކުންފުނީގެ ވިޔަފާރި މެނޭޖަރު ކަމާއި ގައުމީ ކުންފުނީގެ އެއް ނަންބަރު މަސް ފިހާރައިގެ މެނޭޖަރުކަން ހިމެނެ އެވެ.
އަބްދުﷲ ޖަމީލް ވަނީ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ސަރުކާރުގެ މުހިންމު މަގާމުތަކެއް ފުރުއްވައިފަ އެވެ. އެގޮތުން 1968، ގައި ރައީސް ނާސިރު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، އެޑިއުކޭޝަން މިނިސްޓަރީގެ ހާއްސަ ވަކީލަކަށް އަބްދުﷲ ޖަމީލް ހަމަޖެއްސެވި އެވެ. އޭގެފަހުން، އެ މިނިސްޓްރީގެ ވަކީލު ކަމުގެ މަގާމާއި މިނިސްޓްރީ އޮފް ޖަސްޓިސްގެ ވަކީލު ކަމުގެ މަގާމާއި އޮޑިޓް އޮފީހުގެ ވެރިޔާ ކަމުގެ މަގާމުގެ އިތުރުން ޕަބްލިކް މެއިންޓެނަންސް ޑިވިޝަންގެ ވަކީލު ކަމުގެ މަގާމާއި ކޮންޓްރޯލް އޮފް ކޮމިއުނިކެބްލް ޑިޒީޒަސް ޑިވިޝަންގެ ވަކީލު ކަމުގެ މަގާމު އަދި ޝިޕިން ޑިޕާޓްމަންޓުގެ ވަކީލު ކަމުގެ މަގާމުވެސް އޭނާ ފުރުއްވާފައިވެ އެވެ.
ރައީސް ނާސިރުގެ ވެރިކަމަށްފަހު، ރައީސް މައުމޫނުގެ ވެރިކަމުގައި ވެސް އަބްދުﷲ ޖަމީލް ވަނީ ސަރުކާރަށް ގިނަ ހިދުމަތްތަކެއް ކުރައްވައިފަ އެވެ. އެގޮތުން އޭނާ ވަނީ ސަރުކާރުގެ ހަ ވުޒާރާއެއްގެ މިނިސްޓަރުކަން ކުރައްވައިފަ އެވެ. އޭގެތެރޭގައި ހެލްތު މިނިސްޓަރު ކަމާއި ފިޝަރީޒް މިނިސްޓަރު ކަމާއި ޓޫރިޒަމް މިނިސްޓަރު ކަމާއި ހޯމް މިނިސްޓަރު ކަމާއި ހައުސިން މިނިސްޓަރު ކަމާއި ރައީސް އޮފީހުގެ މިނިސްޓަރުކަމުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ތ. އަތޮޅު މެންބަރުކަން 30 އަހަރަށްވުރެ ގިނަ ދުވަހު އޭނާ ކުރައްވައިފައިވެ އެވެ. އަދި އަބްދުﷲ ޖަމީލް ވަނީ ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެމްބަރުކަން ވެސް 14 އަހަރަށްވުރެ ދިގު މުއްދަތަކަށް ކުރައްވައިފަ އެވެ.

އަބްދުﷲ ޖަމީލްއަށް ވަނީ މިނިވަން 25 އާންމު ހިދުމަތުގެ އިނާމު ވެސް ލިބިލައްވާފަ އެވެ. ނިޝާން އިއްޒުއްދީންގެ އިޒަތުގެ ވެރިޔާގެ ލަގަބު އޭނާއަށް އެރުވީ ނޮވެމްބަރު، 10، 2008 ގަ އެވެ.
އަބްދުﷲ ޖަމީލް އަވަހާރަވިއިރު، ދުނިޔޭގައި އޭނާގެ ފަސް ބޭފުޅުން އެބަ ތިއްބެވެ. އޭގެތެރޭގައި ކުރީގެ މިނިސްޓަރު، މައުރޫފް ޖަމީލް ވެސް ހިމެނިވަޑައިގަންނަވަ އެވެ.
އަބްދުﷲ ޖަމީލްއަކީ މަޝްހޫރު އަދީބު، އައްޝައިހް މުހައްމަދު ޖަމީލް ދީދީގެ ދޮށީ ދަރިކަލުންނެވެ. އަބްދުﷲ ޖަމީލްއާ އެއްބަނޑު އެއްބަފާ ބޭފުޅުންގެ ތެރޭގައި ވެސް ގައުމަށް ގިނަގުނަ ހިދުމަތްތައް ކޮށްދެއްވި ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ. އޭގެތެރޭގައި އަލްމަރުހޫމް ފަތުހުﷲ ޖަމީލްއާއި ފާތިމަތު ޖަމީލްއާއި ޖާދުﷲ ޖަމީލް ފަދަ ބޭބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ.












