ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރާ ދެ ކެންޑިޑޭޓަކު އެއް ވަގުތަކު، އެއް ސަރަހައްދެއްގައި ކެމްޕޭން ހަރަކާތެއް ހިންގުން މަނާކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިފަދައިން ބަޔާންކޮށްފައިވަނީ މިއަދު އެ ކޮމިޝަނުން ގެޒެޓުކުރި 'ރިޔާސީ އިންތިހާބުގެ ގަވާއިދު 2023' ގަ އެވެ.
އެ ގަވާއިދުގައި ބުނެފައިވާގޮތުން 'ކެންޑިޑޭޓަކު ނުވަތަ ކެންޑިޑޭޓެއްގެ ޕާޓީއަކުން އެއްވުމެއް ނުވަތަ ބައްދަލުވުމެއް ބާއްވަމުންދާ ތަނެއްގައި، އެ ވަގުތަކާ ދިމާކޮށް، އެހެން ޕާޓީއަކަށް ނިސްބަތްވާ ކެންޑިޑޭޓަކު ނުވަތަ އެހެން ކެންޑިޑޭޓަކަށް ތާއީދުކުރާ ބަޔަކު އެ ތަނުގައި ބައްދަލުވުމެއް އިންތިޒާމުކޮށްގެން ނުވާނެ އެވެ.'
އަދި، ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދާ ވަގުތު އެ ތަނެއްގެ އިންތިޒާމު ނަގާލުމަށް ބަޔަކު މަސައްކަތް ކުރާނަމަ އަމިއްލައަށް އެކަން ހައްލުނުކޮށް ކަމާބެހޭ ފަރާތްތަކަށް އަންގަންޖެހޭނެ ކަމަށްވެސް މި ގަވާއިދުގައި ބުނެފައިވެ އެވެ.
އޭގެއިތުރުން، މި އަހަރުގެ އިންތިހާބުގައި ކެމްޕޭން ކުރުމަށް ބޭނުންކުރާ އެއްވެސް އެއްޗެއް އަމިއްލަ ފަރުދެއްގެ ގެޔެއްގައި ނުވަތަ ބިމެއްގައި ބަހައްޓާ، ހަރުކޮށް، ތަތްކޮށް، ނުވަތަ ދަަމަންވާނީ އެ އިމާރާތެއްގެ ނުވަތަ ބިމެއްގެ ވެރިފަރާތުގެ ހުއް ދައާއެކު އެވެ.

ކެމްޕޭނުގައި އެއްވެސް މީހެއްގެ އަބުރަށް އަރައިގަތުމާއި ވަކި ކެންޑިޑޭޓަކަށް ވޯޓު ދިނުމަށް ނުވަތަ ނުދިނުމަށް މަޖުބޫރުކުރުމާއި ބިރުދެއްކުމާއި، ރިޝްވަތު ދިނުމުގެ ހަރަކާތްތައްވެސް މިއަދު އިއުލާންކުރި ގަވާއިދުން މަނާކުރެ އެވެ.
ރިޔާސީ އިންތިހާބުގެ އަދާހަމަ
ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް ބާކީ 89 ދުވަސް އޮތް އިރު، މިހާތަނަށް އިންތިހާބުގާ ވާދަކުރައްވާ ބައެއް ކެންޑިޑޭޓުން ވަނީ އެކަން އިއުލާންކޮށްފަ އެވެ.
އެގޮތުން, ވެރިކަންކުރާ އެމްޑީޕީގެ ޓިކެޓުގައި ނުކުންނަވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ. މި ސަރުކާރުގެ ކޯލިޝަނުގައި އޮތް ނަމަވެސްް ޖުމްހުރީ ޕާޓީ ރިޔާސީ އިންތިހާބުގައި ވަކިން ނުކުތުމަށް ނިންމާ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ވަނީ ޓިކެޓު ދީފަ އެވެ.
އޭގެއިތުރުން ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރާއި, ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް އަދި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާންކޮށްފި އެވެ. އަދި، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ އަލަށް އުފައްދަވާ ދަ ޑިމޮކްރެޓްސް ޕާޓީންވެސް ވަނީ ރިޔާސީ ކެންޑިޑޭޓެއް ނެރޭނެ ކަމަށް ބުނެފަ އެވެ.












