ދީނީ ނަސޭހަތް ދިނުމާއި ކިޔަވައިދިނުމުގެ މަސައްކަތުގެ ތެރެއިން ކެންޑިޑޭޓަކަށް ތާއީދު ހޯދަން ނުވަތަ ތާއީދު ކުޑަކުރަން މަސައްކަތް ކުރުން މަނާވާ ގޮތަށް މި އަހަރުގެ ރިޔާސީ އިންތިހާބުގެ ގަވާއިދު އިލެކްޝަންސް ކޮމިޝަނުން އެކުލަވާލައި ގެޒެޓްކޮށްފި އެވެ.
އީސީން ރޭ ގެޒެޓްކުރި ގަވާއިދުގައި ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންނަށް ތާއީދު ހޯދަން މަސައްކަތްކުރާ މީހުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑެއް ކަނޑައަޅާފައި އޮތް އިރު، ކެންޑިޑޭޓުންނާއި އެމީހުންނަށް ތާއީދު ހޯދާ މީހުން ކުރުން މަނާ ގިނަ ކަންތައްތަކެއް ބަޔާންކޮށްފައި ވެ އެވެ. ސުލޫކީ މިންގަނޑުތައް އޮތީ އެ ގަވައިދުގެ 24 ވަނަ މާއްދާގެ ހ. ގަ އެވެ.
"ދީނީ އެކިއެކި މުނާސަބަތުގައްޔާއި ދީނީ ދަރުސްތަކުގައްޔާއި ހުތުބާތަކުގައި ވަކި ކެންޑިޑޭޓަކަށް ނުވަތަ ވަކި ޕާޓީއަކަށް ތާއީދު ހޯދުމަށް ނުވަތަ ތާއީދު ކުޑަކުރުމަށް އެއްވެސް ވާހަކައެއް ދައްކައިގެން ނުވާނެ،" މިއަހަރުގެ އިންތިހާބަށް އީސީން ގެޒެޓްކުރި ގަވައިދުގެ 24 ވަނަ މާއްދާގެ ބުނެފައިވެ އެވެ.
ހަމަ އެ މާއްދާގެ ހ. ގެ ހަތަރު ވަނަ ނަމްބަރުގައި ބުނެފައި އޮތީ "ސްކޫލްތަކާއ، މަދަރުސާތަކާއި ކޮލެޖުތަކާއި ޔުނިވަރސިޓީތަކާއި ކިޔަވައިދޭ އެހެނިހެން ތަންތަނުން ދޭ ފިލާވަޅުތައް މެދުވެރިކޮށް ވަކި ކެންޑިޑޭޓަކަށް ނުވަތަ ވަކި ޕާޓީއަކަށް ތާއީދު ހޯދުމަށް ނުވަތަ ތާއީދު ކުޑަކުރުމަށް އެއްވެސް މަސައްކަތެއް ކޮށްގެންނުވާނެ" ކަމަށެވެ.
ކެންޑިޑޭޓުންނަށް ތާއީދު ހޯދަން ކުރާ މަސައްކަތްތަކަށް ހުރަސް އެޅުން ވެސް އެ ގަވާއިދުގައި ވަރަށް ތަފްސީލު ގޮތެއްގައި މަނާކޮށްފައިވެ އެވެ. ކެންޑިޑޭޓުންނަށް ތާއީދު ހޯދަން ބަހައްޓާ ޕޯސްޓަރާއި އެނޫން ވެސް ތަކެތި ނެއްޓުވުމާއި ހަލާކުކުރުން އެގޮތުން މަނާކޮށްފައިވެ އެވެ. އެއް ކެންޑިޑޭޓަކު ނުވަތަ އޭނާއަށް ތާއީދުކުރާ ބަޔަކު ބާއްވާ ބައްދަލުވުމަކާ ދިމާކޮށް، އެއް ތަނެއްގައި ހަމަ އެއް ވަގުތެއްގައި އެހެން ކެންޑިޑޭޭޓެއްގެ ބައްދަލުުވުމެއް ބޭއްވުން ވެސް އެ ގަވައިދުގައި އޮތީ މަނާކޮށްފަ އެެވެ.

ރިޔާސީ އިންތިހާބު ބާއްވާނީ އަންނަ ސެމްޓެމްބަރު 9، ގަ އެވެ. އެ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ވިދާޅުވެފަ އެވެ. އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ކޮރަޕްޝަންގެ މައްސަލައެއްގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން އަންނަ ކުރީގެ ރައީސް އަބްދުﷲ ޔާމިނެވެ.












